ޚަބަރު
ކައުންސިލްތަކުގެ ޢިމާރާތުގެ މަސައްކަތް މޮނިޓަރ ކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލަނީ
ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ
ކައުންސިލްތަކުގެ ޢިމާރާތުގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް މޮނިޓަރ ކުރުމަށް ރަށްރަށުގައި ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. ހަމަ އެހެންމެ، ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި ރަށުގެ އެކި ފަރާތްތައް ހިމެނޭ ގޮތުން އެކުލަވައިލެވޭ ކޮމިޓީގެ ބޭނުންތެރިކަން ފެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކައުންސިލް އިދާރާގެ ޢުމްރާނީ މަސައްކަތާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަމާއި، ޙައްލު ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން 9108899 އަށް ގުޅުއްވުމުން ހައްލު ހޯދުމަށް އެހީތެރިވެދޭނެ ކަމަށް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ވަޒީރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ބައެއް ރަށްރަށުގެ ބައުވެ ވީރާނާވެފައިވާ ކައުންސިލްތަކުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށުގެ، ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.