ދުނިޔެ
ރައީސް އައްޝަރަޢް އެމެރިކާގެ ވޮޝިންޓަނަށް: 1946ގެ ފަހުން ސޫރިޔާގެ ރައީސަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރު!
ރައީސް އައްޝަރަޢް ވޮޝިންޓަނަށް ވަޑައިގެންފައިވަނީ އިއްޔެ.
ފަރުދުން
09 ނޮވެމްބަރު 2025، 02:45
09 ނޮވެމްބަރު 2025، 02:45
ސޫރިޔާގެ ރައީސް އަޙްމަދް އައްޝަރަޢް ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގެންފި ކަމަށް ސޫރިޔާގެ ޤައުމީ ނޫސް އެޖެންސީން ހާމަކޮށްފިއެވެ.
ރައީސް އައްޝަރަޢްގެ މި ތާރީޚީ ދަތުރުފުޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރީން އައްޝަރަޢް ނިއު ޔޯކުގައި އޮތް އެކުވެރި ދައުލަތްތަކުގެ ޢާންމު އެއްވުމަށް ޙާޟިރުވެވަޑައިގެންފައިވިޔަސް، ވޮޝިންޓަނަށް އެ މަނިކުފާނު ވަޑައިގެންފައެއް ނުވެއެވެ. ވުމާ އެކު، މިއީ 1946ވަނަ އަހަރުގެ ފަހުން ސޫރިޔާގެ ރައީސަކު އެމެރިކާގެ ވޮޝިންޓަނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ބައެއް ރިޕޯޓުތަކުން ދޭހަވާ ގޮތުގައި، އެމެރިކާގެ އިސްނެގުމުގެ ދަށުން ހިންގާ، އައިސިސްއާ ދެކޮޅު ކޯލިޝަންގައި، ދިމަޝްޤުގެ ފަރާތުން ބައިވެރިވުމަކީ މި ދަތުރުފުޅުގައި ހިނގުން އެކަށީގެންވާ ކަމެކެވެ. އެ ކޯލިޝަނަކީ 2019ވަނަ އަހަރު ސޫރިޔާގައި ތިބި އައިސިސް ހަނގުރާމަވެރީން ބަލިކުރި ޖަމާޢަތް ކަމުގައި ނޫސްތަކުން ބުނެއެވެ. އެ ކޯލިޝަނާ އެކުގައި އެ މަސައްކަތުގައި ބައިވެރިވި ޖަމާޢަތެއް ކަމުގައިވާ ސީރިޔަން ޑިމޮކްރެޓިން ފޯސެޒް (އެސް.ޑީ.އެފް.)އިން ސޫރިޔާގެ ޤައުމީ ޢަސްކަރިއްޔާއާ ގުޅުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން، އެމެރިކާއިން ދިމަޝްޤުގައި ޢަސްކަރީ މަރުކަޒެއް ޤާއިމުކުރުމަށް ރާވަމުންދާ ކަމަށް، ސޫރިޔާގެ "ޑިޕްލޮމެޓިކް ސޯސް"އަކަށް ޙަވާލާދީ ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް މި ފަދަ ކަމެއް ޔަޤީނީ މަޞްދަރަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
14 އަހަރުގެ ދާޚިލީ ހަމަނުޖެހުމަށް ފަހު، ސޫރިޔާއިން އެ ޤައުމު އަލުން ތަޢުމީރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ކަމަށް ގާތްގަނޑަކަށް 216 ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެއެވެ.
ސޫރިޔާގެ ރައީސް އަޙްމަދް އައްޝަރަޢްގެ ނަން އެމެރިކާގެ ނިރުބަވެރީންގެ ދަފްތަރުގައި (ޓެރަރިސްޓުންގެ ލިސްޓުގައި) ހިމަނާފައި އޮތީ އައްޝަރަޢް އަތުލައިގަންނަ މީހަކަށް 10 މިލިޔަން ޑޮލަރުގެ ޖަޢާލާއެއް ދޭ ގޮތަށެވެ. ނަމަވެސް އައްޝަރަޢް އެމެރިކާއަށް ވަޑައިގަތުމުގެ އެއް ދުވަސް ކުރީން، އ.ދ.ގެ ސެކިޔުރިޓީ ކައުންސިލުން އައްޝަރަޢްއާ ދެކޮޅަށް އަޅާފައި އޮތް ފިޔަވަޅު އަނބުރާ ގެންދިޔުމާ ވިދިގެން، އެމެރިކާގެ ރަސްމީ ނިރުބަވެރީންގެ ދަފްތަރުން ވެސް އައްޝަރަޢްގެ ނަން ފުހެލައިފައި ވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، އައްޝަރަޢްއާ އޮތް ދެކޮޅުވެރިކަން އުވައިލުމަކީ އަސަދު ޢާއިލާގެ 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ޢުދުވާން ނިމި، ބައްޝާރް އަލްއަސަދްގެ ވެރިކަން ވެއްޓުމަށް ފަހު "ސޫރިޔާގެ އައު ވެރިކަމުން ދައްކުވާފައިވާ ކުރިއެރުން" ބަލައިގަތުމުގެ ގޮތުން ކުރި ޢަމަލެއް ކަމަށެވެ.
ޓްރަމްޕްއާއި އައްޝަރަޢްގެ މަޝްވަރާ މައުޟޫޢުތަކުގެ ތެރޭގައި، ސޫރިޔާއާއި އިސްރާއީލާ ދެމެދުގެ ގުޅުން ވެސް ހިމެނިގެންދާނެ ކަމަށް ބެލެވެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުއްސުރެ އިސްރާއީލުން ސޫރިޔާގެ ދެކުނު ސަރަޙައްދުތަކަށް އެތައް ވައިގެ ޙަމްލާއެއް ދީފައިވެއެވެ. ނަމަވެސް ސޫރިޔާއިން މި ކަމަށް ރައްދުދީފައެއް ނުވެއެވެ.