ޚަބަރު
ޗައިނާ އެމްބަސީން "ކޫލް ސްކޫލް" ޕްރޮޖެކްޓަށް އެއަރ ކޮންޑިޝަނަރ ހަދިޔާކޮށްފި
އެއަރ ކޮންޑިޝަނަރތަކެއް ރަސްމީކޮށް ހަދިޔާކުރުން ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) – ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އޭސީތައް މިނިސްޓްރީއާ ޙަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ވަންގް ލިޝިންގް އެވެ. އަދި މިނިސްޓްރީގެ ފަރާތުން އޭސީތަކާ ޙަވާލުވެ ވަޑައިގަތީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ "ކޫލް ސްކޫލް" ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަން ފާހަގަކުރައްވާ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ "ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، ބްރޭންޑެއްގެ ގޮތުގައި ފެށި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓެގެ ކޮންސެޕްޓަކީ ދަރިވަރުންނަށް ހިތްފަސޭހަކަން ހޯދައިދިނުންކަމަށާއި، އެގޮތުން ކޮންމެ ސުކޫލެއްގެ އަމާޒަކަށް ވެގެން ދާނީ "ކޫލް" މާހައުލެއްގައި ހިތްހަމަޖެހޭ މަސައްކަތްތަކެއްކޮށް، ދަރިވަރުންނާއި ޓީޗަރުންގެ ތެރޭގައި ގުޅުން ރަނގަޅުވެގެން ދިޔުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ސުކޫލެއް ކާމިޔާބު ވުމުގައި އެންމެ ބޮޑު އެއް އަސާސަކީ ކޮމިއުނިޓީ ސުކޫލް ޕާޓްނަރޝިޕްކަމަށެވެ. އަދި މިއީ ހަމައެކަނި ސުކޫލަށް ތަކެތި ދިނުން ކަމަށާއި، އޭގެ ތެރޭގައި ސުކޫލުގެ ޓީޗަރުންނަށް ބޭނުންވާ ގަދަރާއި އިހުތިރާމް ދިނުމާއި، ސުކޫލްގެ އިސްވެރީންނަށް އެއްބާރުލުން ދިނުން ހިމެނޭކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަނީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވާ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެސްދޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.