ސައިންސް

މިއްރީޚު ކައިރިން ދަތުރުކުރި ދުންތަރިއެއް ތަޞްވީރުކޮށްފި: ޖައްވީ ދިރާސާގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް

މިއްރީޚު ކައިރިން ދަތުރުކުރި ދުންތަރިއެއް ތަޞްވީރުކޮށްފި: ޖައްވީ ދިރާސާގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް

31/އެޓްލަސް ދުންތަރި.

09 ނޮވެމްބަރު 2025، 04:21

ޖައްވީ ދިރާސާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޖައްވީ އުޅަނދެއްގެ ކެމެރާއަކުން މިއްރީޚު (mars) ގާތުން ދަތުރުކުރި ދުންތަރި (comet)އެއް ތަޞްވީރުކޮށްފިއެވެ. މި ފާހަގަކޮށްލެވޭ ކާމިޔާބީ ޙާޞިލުކޮށްފައިވަނީ ޗައިނާގެ ޓިއަންވެން-1 ޕްރޯބް ނަމަކަށް ކިޔާ އުޅަނދުންނެވެ. މިއީ ޗައިނާގެ ޖައްވީ ދާއިރާއަށް ލިބުނު ފަޚުރުވެރި ކުރިއެރުމެކެވެ.

ޗައިނާގެ ޤައުމީ ޖައްވީ އިދާރާ (ސީ.އެން.އެސް.އޭ.)އިން ހާމަކުރި ގޮތުގައި، ޓިއަންވެން-1 ތަޞްވީރުކޮށްފައިވަނީ، 31/އެޓްލަސް ނަމަކަށް ކިޔާ ދުންތަރިއެކެވެ. އެ ދުންތަރި ހޯދިފައިވަނީ މި އަހަރުގެ ޖުލައި މަހުގައި ކަމަށްވާއިރު، ދުންތަރީގެ ތަޞްވީރުތައް ނަގާފައިވަނީ އޮކްޓޫބަރު މަހުގެ 1އާއި 4އާ ދެމެދެވެ. ގާތްގަނޑަކަށް ގަޑިއަކު 58 ކިލޯމީޓަރު ބާރުމިނުގެ ހަލުވި ދުވެލީގައި ދަތުރުކުރަމުންދިޔަ އެ ދުންތަރި މިއްރީޚާ 29 މިލިޔަނެއްހައި ކިލޯމީޓަރު ދުރުން ދަތުރުކޮށްފައިވީ ނަމަވެސް، ޓިއަންވެން-1އިން ވަނީ ކާމިޔާބުކަމާ އެކީގައި އެ ދުންތަރި ތަޞްވީރުކޮށްފައެވެ.

ޓިއަންވެން-1ގެ ފަރާތުން ބިމުގައި ހުންނަ ޗައިނާގެ ޖައްވީ މަރުކަޒަށް ފޮނުވި ފޮޓޯތައް އެއްކޮއްލައިގެން ޗައިނާއިން ވަނީ ޖިފްއެއް އުފައްދާފައެވެ. އެ ޖިފްއިން ދުންތަރީގެ "ނަގޫ" ފާހަގަކުރެވުނު ނަމަވެސް، ތަޞްވީރުގެ ކޮލިޓީ އެންމެ ފުރިހަމަކަމަކަށް ނުދައްކައެވެ. ތަޞްވީރުކުރުމަށް ބޭނުންކުރި ކެމެރާއަކީ ހައި ކޮލިޓީ ކެމެރާއެއް ނަމަވެސް، މި ކަމުގެ ސަބަބަކީ މިއްރީޚު ކައިރީގައިވީ އެ އުޅަނދާ އެތައް މިލިޔަން ކިލޯމީޓަރެއް ދުރުން ދުންތަރި ދަތުރުކުރުން ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، މިއީ ސޫރުދަ ނިޡާމު (solar system)އިން ބޭރުން ވަތް ފަލަކީ ޖިސްމެއް މިއްރީޚު ގާތުން ތަޞްވީރުކުރެވުނު އެންމެ ތަފްޞީލީ ފޮޓޯތަކުގެ ތެރޭގައި ހިމެނޭ ހޯދުމެއް ކަމަށް ސައެންސްވެރީން ހާމަކުރެއެވެ.

ޗައިނާގެ ޖައްވީ އުޅަނދަކުން ނެގި މި ތަޞްވީރުތައް މުހިންމުވާ ސަބަބަކީ، މިއީ ސޫރުދަ ނިޡާމުން ބޭރުން ވަތް ކަމުގައި އެނގިފައިވާ 3ވަނަ ޖިސްމު ކަމުގައި ވުމެވެ. މިފަދަ ފުރަތަމަ ޖިސްމަކީ 2017ވަނަ އަހަރު ހޯދުނު އޮއުމުއަމުއަ އަދި 2019ވަނަ އަހަރު ފެނުނު ބޮރިސޯވް އެވެ. 

ޗައިނާގެ ޖައްވީ އުޅަނދު ޓިއަންވެން-1 އަކީ 2020ވަނަ އަހަރު މިއްރީޚުގެ ސަޠަޙަ ދިރާސާކުރުމުގެ މަޤުޞަދުގައި އެ ގުރަހައަށް ފޮނުވި އުޅަނދެކެވެ. އެ އުޅަނދުން މިއްރީޚާ ބެހޭ މުހިންމު އެތަކެއް މަޢުލޫމާތެއް މިހާރު ވެސް ފޯރުކޮށްދީފައިވާއިރު، 31/އެޓްލަސް ދުންތަރި ތަޞްވީރުކުރެވުމަކީ އެ އުޅަނދަށް އިތުރުވެގެންދާ ކާމިޔާބީއެކެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން