ޚަބަރު
ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ 2 ވަނަ 'ފަތުވާ މަހާސިންތާ' މިރޭ ފަށަނީ
މިދިޔަ އަހަރުގެ މަހާސިންތާގެ ތެރެއިން/ފޮޓޯ: ވުޒާރާ
ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ 2 ވަނަ 'ފަތުވާ މަހާސިންތާ' މިރޭ ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަހާސިންތާއަކީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިން ބާއްވާ މަހާސިންތާއެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަހާސިންތާ ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތް ކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުޞަތު ހޯދައިދިނުން ކަމަށެވެ.
މީގެ އިތުރުން، މި މަހާސިންތާގެ ތެރެއިން ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިސްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޕެނަލް ޑިސްކަޝަންތަކަކާއެކު މި މަހާސިންތާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އެ ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނައެވެ.