ދުނިޔެ

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ފެން ތަޣައްޔަރުވެ ވިހަވެފައިވާ ކަމަށް ރިޕޯޓުކޮށްފި

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ފެން ތަޣައްޔަރުވެ ވިހަވެފައިވާ ކަމަށް ރިޕޯޓުކޮށްފި

ޣައްޒާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2025، 06:13

09 ނޮވެމްބަރު 2025، 06:13

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ފެން ތަޣައްޔަރުވެ ވިހަވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަނގުރާމައިގެ ސަބަބުން މުޅި އަވަށްތައް ބިމާ ހަމަވެ، އެތައް އާއިލާއެއް ތަކުރާރުކޮށް ހާލުގައި ޖައްސާ، ޞިއްޙީ މަރުކަޒުތައް ހަލާކުކޮށްލާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުން ބަރޯސާވާ ބިމާއި ފެނަށް ވެސް ވަނީ ވިހަވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުގެ ރިޕޯޓުގައި ބުނެފައިވެއެވެ. 

 ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ނާޒުކު ހާލަތަށް ހަތަރު ހަފްތާ ވެގެންދިޔައިރު، އިސްރާއީލުން ކޮންމެ ދުވަހަކު އެ އެއްބަސްވުންތަކާ ޚިލާފުވަމުންދާއިރު، އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑު މިނާއި ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ފެންނަން ފަށާފައެވެ.  ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާން އަވަށް، ކުރިން އާބާދީ ބޮޑު އަވަށަކަށް ވީނަމަވެސް، މިހާރު ވަނީ ހަލާކުވެ، ބޭކާރު ބިމަކަށް ވެފައެވެ. ގެތައް ހަލާކުވެފައިވާއިރު، އެ ސަރަހައްދުގެ މުހިންމު ފެނުގެ މަސްދަރެއް ކަމަށްވާ ވާރޭފެން ނަގާ ފެންގަނޑު މިހާރު ވަނީ ނަރުދަމާގެ ނުސާފު ފެނާއި ކުނިބުނިން ފުރިފައެވެ.  ގިނަ އަދަދެއްގެ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ވަނީ ދިރިއުޅެން ރައްކާތެރިނޫނަސް މިތަނުގައި ދިރިއުޅެން މަޖުބޫރުވެފައެވެ. ހާލުގައި ޖެހިފައިވާ މާބަނޑު އަންހެނެއް ކަމަށްވާ އުންމު ހިޝާމް، އޭނާގެ ކުދިންނާއެކު މި ނުސާފު ފެނުގެ ބޭނުންކުރަން ވަނީ ޖެހިފައެވެ. އެމީހުންނަށް ދާނެ އެހެން ތަނެއް ނެތެވެ.

 "އަޅުގަނޑުމެން މިތަނަށް، ޝެއިޚް ރަދުވާން ފެންގަނޑު ކައިރިއަށް، އައިސް ހާލުގައި ޖެހިފައި މިތިބީ، މަދިރި، ނަރުދަމާގެ ފެންގަނޑު މައްޗަށް އަރާ، އަދި ވަށައިގެން ހުރި ހަލާކުވެފައިވާ ތަންތަން، ހިތަށް ގެނެވޭނެ ހުރިހާ ދަތިތަކެއް ތަހައްމަލު ކުރަމުން، މި ހުރިހާ ކަމެއް އަޅުގަނޑުމެންގެ ދިރިއުޅުމަށާއި، އަޅުގަނޑުމެންގެ ކުދިންގެ ދިރިއުޅުމަށް ނުރައްކާ ކުރިމަތިކުރުވާ" އޭނާ އަލްޖަޒީރާގެ އިބްރާހިމް އަލްޚަލީލީއާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ވާރޭފެން ނަގައި، ކަނޑަށް ފޮނުވުމަށް ހަދާފައިވާ މި ތަން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޕަމްޕުތައް ހަލާކުވުމުން، މިހާރު ވަނީ ނަރުދަމާގެ ނުސާފު ފެނުން ފުރިފައެވެ. ކަރަންޓާއި ފެން އަދި ނަރުދަމާ ސާފުކުރާ ނިޒާމުތައް ހަލާކުވެފައިވާތީ، ނުސާފު ފެންގަނޑު މައްޗަށް އަރަމުންދަނީ ކައިރީގައި ހުރި ގެތަކާއި ފޭލިގެތަކަށް ނުރައްކާ ކުރަމުންނެވެ.

 "މިކަމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ޝައްކެއް ނެތް، ނުބައި ވަސް، ދިރޭ ތަކެތި، މެދިރި. އަދި ނުސާފު ފެންގަނޑުގެ މިންވަރު 6 މީޓަރު (20 ފޫޓު) އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެއްވެސް ރައްކާތެރިކަމެއް ނެތް؛ ވަށައިގެންވާ ފެންސް ވަނީ މުޅިން ހަލާކުވެފައި، އެހެންކަމުން ކުއްޖެއް، އަންހެނެއް، މުސްކުޅިއެއް، ނުވަތަ ކާރެއް ވެސް މި ކުޅިއަށް ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު" ޣައްޒާ ސިޓީގެ މުނިސިޕަލް އޮފިސަރެއް ކަމަށްވާ މާހިރު ސަލީމް އަލްޖަޒީރާއަށް ވިދާޅުވިއެވެ.

ލޯކަލް އޮފިޝަލުން އިންޒާރު ދެނީ، މިގޮތަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށާއި، ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި ބަލިތައް ފެތުރުން އިތުރުވެގެން ހިނގައިދާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ޣައްޒާގެ ގިނަ ބަޔަކަށް އެހެން ގޮތެއް ނެތެވެ. 

"އާއިލާތަކަށް އެނގެއެވެ، އެމީހުން ވަޅުތަކުންނާއި، ފެން ހިފައިގެންދާ ތަކެތިން ނުވަތަ ފެން ޓްރަކްތަކުން ނަގާ ފެން ނުސާފުވެ، ވިހަވެފައިވާކަން. ނަމަވެސް އެމީހުންނަށް އެހެން އިޚްތިޔާރެއް ނެތެވެ." ޣައްޒާ ސިޓީން ރިޕޯޓު ކުރަމުން އަލްޖަޒީރާގެ ހާނީ މަހްމޫދު ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން