ދުނިޔެ
އިސްރާއިލުންް ޤުދުސްގެ ގެތަކެއް ގަދަކަމުން ހުސްކޮށް ޔަހޫދީންނަށް ދީފި
އިސްރާއިލް ސިފައިން ޤުދުސްގެ އަންހެނަކު ގެއިން ނެރެގެން ގެންދަނ|ީ
އިސްރާއިލުން ޤުދުސްގެ ގެތަކެއް ގަދަކަމުން ހުސްކޮށް ޔަހޫދީންނަސް ދީފިއެވެ.
އިސްރާއީލުގެ ސިފައިން މިއަދު ހެނދުނު، އަލް-އަޤްޞާ މިސްކިތުގެ ދެކުނުގައިވާ ސިލްވާންގެ ބަޠްން އަލް-ހަވާ އަވަށަށް ވަދެ، އަލް-ޝުވައިކީ އަދި އައުދާގެ ދެ އާއިލާގެ ގެތަކުން އެމީހުން ބާރުގެ ބޭނުންކޮށްގެން ނެރެ، ވަޒަންވެރިވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް އެތަންތަން ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ޤުދުސްގެ ގަވަރުނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއިލް ސިފައިން ވަނީ އަވަށަށް ވަންނަ މަގުތައް ބަންދުކޮށް، ގެތައް ހުސްކުރުމުގެ އަމުރު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބާފައިވާ ކަމަށެވެ.
މި އަމުރުގައި ހިމެނެނީ ޤުދުސްގެ ރައްޔިތެއް ކަމަށްވާ އުން ޒުހްރީ އަލް-ޝުވައިކީގެ ގެއާއި، އޭނާގެ ދަރިފުޅުގެ ގެއާއި، އަދި ޖުމުޢާ އައުދާގެ ގެއެވެ. މި ތަންތަން ދީފައިވަނީ "ޢަޠީރަތު ކޮހެނިމް" ކިޔާ ވަޒަންވެރިވުމުގެ ޖަމްޢިއްޔާއަކަށެވެ.
ގަވަރުނަރުގެ އޮފީހުން އިތުރަށް ބުނެފައިވަނީ، އިސްރާއިލް ސިފައިން ވަނީ ޕޮލިސް ކުއްތާތަކާއެކު މި ގެތަކަށް ވަދެ، އެކަމަށް އިއުތިރާޒުކުރި މީހުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޒުވާނެއް ޝުވައިކީ އާއިލާގެ ގެ ކައިރިން ބާރުގެ ބޭނުންކޮށްގެން ދުރުކޮށްފައިވެއެވެ. އަދި ގެތަކުގެ ތަކެތި ހުސްކުރުމަށް ޓްރަކްތައް ގެނެސް، އެތަނުގައި ދިރިއުޅޭ މީހުން ބާރުގެ ބޭނުންކޮށްގެން ނެރުމަށްފަހު ވަޒަންވެރިންނަށް ހަވާލުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަންޒަރުދުށް މީހަކު ބުނެފައިވަނީ، އުން ޒުހްރީގެ ގެ ތަކެތި ހުސްކުރަމުން ދިޔައިރުވެސް ސިފައިން ވަނީ އެ ގެ ވަށާލައިގެން ތިބެ، އާއިލާއަށް އެތަން ދޫކޮށް ދިއުމަށް މަޖުބޫރުކޮށްފައެވެ. އަދި ހާލަތު ދެރަވެ، ބޯއެނބުރިގެން ވެއްޓުމުގެ ސަބަބުން ގެއިގެ ވެރިމީހާ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ސަރަހައްދީ މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ ޖޫން މަހު އިސްރާއިލްގެ ކޯޓުން ވަނީ މި ދެ އާއިލާ ގެތަކުން ނެރުމަށް އަމުރެއް ނެރެ، އެކަމަށް އެންމެ ފަހު ތާރީޚެއްގެ ގޮތުގައި މި މަހުގެ 12 ވަނަ ދުވަސް ކަނޑައަޅާފައެވެ. އަދި އެ އަމުރަށް ނުކިޔަމަންވެއްޖެނަމަ، އެ މަހުގެ ފަހުކޮޅު ބާރުގެ ބޭނުންކޮށްގެން ތަންފީޒުކުރާނެ ކަމަށް އަންގާފައިވެއެވެ.
"ޢަޠީރަތު ކޮހެނިމް" ޖަމްޢިއްޔާއިން ދަޢުވާކުރާ ގޮތުގައި، ބަޠްން އަލް-ހަވާ އަވަށުގެ ގާތްގަނޑަކަށް 5 ޑޫނަމް (5200 އަކަ މީޓަރު) ބިމަކީ 1881 ވަނަ އަހަރުން ފެށިގެން ޔަމަން ނަސްލުގެ ޔަހޫދީންނަށް ނިސްބަތްވާ ބިމެކެވެ. ނަމަވެސް މިހާރު އެ އަވަށުގައި 87 އާއިލާގެ 750 މުޤައްދަސް ރައްޔިތުން ދިރިއުޅެމުންދާއިރު، އެ އެންމެންނަށް ވެސް އިސްރާއިލްގެ ކޯޓުތަކުގައި ގެތައް ހުސްކުރުމުގެ ދަޢުވާތަކާއި އިންޒާރުތައް ކުރިމަތިވެފައިވެއެވެ.
ގެތައް ހުސްކުރުމުގެ ނުރައްކާ ކުރިމަތިވެފައިވާ މި ގެތައް ހުންނަނީ ޤުދުސްގެ ފާރުގެ އިރު ދެކުނު ކަނާއި އަލް-އަޤްޞާ މިސްކިތާ ދިމާލުގައެވެ. އެ ދެމެދުގައި ވަނީ ޤަދްރޫން ވާދީއެވެ. ދުރުމިނުގައި ހުރީ އެންމެ 300 މީޓަރެވެ.
ޤުދުސްގެ ގަވަރުނަރުގެ އޮފީހުން ބަޔާންކުރެއްވި ގޮތުގައި، މި އަމުރުތަކަކީ ބާރުގެ ބޭނުންކޮށްގެން މީހުން ބަދަލުކުރުމުގެ ނިޒާމީ ސިޔާސަތެއްގެ ބައެކެވެ. އެ ސިޔާސަތުގެ ދަށުން ވަޒަންވެރިވުމުގެ ޖަމްޢިއްޔާތަކުން، ސަރުކާރުގެ އެހީތެރިކަމާއެކު، މުޤައްދަސް ރައްޔިތުންގެ ގެތަކަށް ބާރުފޯރުވައި، ޤަދީމީ ރަށާއި އަލް-އަޤްޞާ މިސްކިތް ވަށައިގެންވާ ވަޒަންވެރިވުމުގެ ސަރަހައްދުތައް ފުޅާކުރުމަށް މަސައްކަތްކުރެއެވެ.