ޚަބަރު
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މަހަށް ތާވަލުކޮށްފި
ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޙުއްދަ 18 ފަރާތަކަށް ދިނުމަށް 26 އޮކްޓޫބަރު 2025ގައި ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ބާ ކައުންސިލް
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް އަންނަ މަހު 4ގައި ބައި-އިލެކްޝަން ބޭއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައި، އެކަން މިއަދު އިޢުލާންކޮށްފިއެވެ.
މިކަމާ ގުޅިގެން ބާ ކައުންސިލުން ގެޒެޓުކޮށްފައިވާ އިޢުލާނުގައި ބުނީ، މެމްބަރުކަމަށް ކުރިމަތިލުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. އަދި މި ފުރުސަތު ހުޅުވާލާފައި ވަނީ 18 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.
ބާ ކައުންސިލަށް ހާޒިރުވެގެންނާއި، އީމެއިލްގެ ޒަރީއާއިން ވެސް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އީމެއިލް ކުރައްވާ ފަރާތްތަކުން، މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އީމެއިލް ކުރަން ޖެހެެނީ [email protected] އަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.
އަދި ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމަކީ މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތެކެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުއެވެ.