ދުނިޔެ
އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާތައް އޮކްޓޯބަރު މަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ
އަނިޔާވެފައިވާ ފަލަސްޠީނުގެ އަންހެނެެއް
އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިން، އެބައިމީހުންގެ ބާރުގެ ދަށުގައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާތަކުގެ އަދަދު އޮކްޓޯބަރު މަހު 264 އަށް އަރައި، މިއީ އ.ދ. އިން މިފަދަ ހާދިސާތައް ރެކޯޑު ކުރަން ފެށި ފަހުން އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ހަމަލާ ދިން މަސްކަމަށް އ.ދ. އިން ބުނެފިއެވެ. އ.ދ.އިން އަންނަނީ މި ރެކޯޑުތައް 2006 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުންނެވެ.
އ.ދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާރޒް (އޯޗާ) އިން ނެރުނު ބަޔާނެއްގައި، މިފަދަ ހަމަލާތައް ކުއްލިއަކަށް އިތުރުވުމުގެ ނުރައްކަލުގެ މައްޗަށް އިންޒާރު ދެމުން ބުނީ، މި ހަމަލާތަކުގެ ސަބަބުން މީހުންނަށް އަނިޔާވުމާއި މުދަލަށް ގެއްލުންވުން ހިމެނޭ ކަމަށާއި، އެވްރެޖުކޮށް ދުވާލަކު 8 ހާދިސާ ހިނގާފައިވާ ކަމަށެވެ.
އޯޗާ އިން ބުނި ގޮތުގައި، "2006 ވަނަ އަހަރުން ފެށިގެން، އޯޗާއިން ވަނީ މިފަދަ 9,600 އަށް ވުރެ ގިނަ ހަމަލާ ލިޔެކިޔުންތަކުން ފާހަގަ ކޮށްފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 1,500 ހަމަލާ ހިނގާފައިވަނީ ހަމައެކަނި މި އަހަރުގެ ތެރޭގައެވެ. މިއީ ޖުމްލަ އަދަދުގެ 15 އިންސައްތައެވެ."
ހުޅަނގު އައްސޭރީގައި 2.7 މިލިއަން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދެއެވެ. ޞުލްޙައިގެ މުޢާހަދާގައި ވާގޮތައް ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދޭއިރު ހުޅަނގު އައްސޭރި ވަންނަނީ ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ދަށަށެވެ. ނަމަވެސް އިސްރާއީލުުން ވަނީ ވަޒަންވެރިވުން ހަލުވިކަމާއެކު ފުޅާކޮށް، ބިންބައިކޮށްފައެވެ. އ.ދ. އާއި ފަލަސްތީނުގެ ރައްޔިތުންނާއި ގިނަ ޤައުމުތަކުން މި ވަޒަންވެރިވުން ބަލަނީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްގެ ގޮތުގައެވެ. ނަމަވެސް އިސްރާއީލުން މިކަމާ ދެކޮޅު ހަދައެވެ. ހުޅަނގު އައްސޭރީގައި މިލިއަނަކަށް ވުރެ ގިނަ އިސްރާއީލުގެ ވަޒަންވެރިން ދިރިއުޅެއެވެ.
އޯޗާއިން އިތުރަށް ބުނީ، މިދިޔަ ބުދަ ދުވަހާ ހަމައަށް ޔަޤީންކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންގެ ހަމަލާތަކުގައި 42 ފަލަސްތީނުގެ ކުދިން ޝަހީދުވެފަވާ ކަމަށެވެ. "މާނައަކީ 2025 ވަނަ އަހަރު ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިން ޝަހީދުކޮށްލި ކޮންމެ ފަސް ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އެކަކީ ކުޑަ ކުއްޖެކެވެ"، އޯޗާ އިން ބުނެފައިވެއެވެ.
އިސްރާއީލުގެ މިޝަންއިން އ.ދ. އަށް މިކަމާ ބެހޭގޮތުން ޖަވާބެއް ދިނުމަށް އެދުމުން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ހުޅަނގު އައްސޭރީގައި މި ހަމަލާތައް ދީފައި މިވަނީ، އޮކްޓޯބަރު މަހު ޣައްޒާގައި ހިނގި ހަނގުރާމަ ހަމައަކަށް އެޅުވުމަށް އެމެރިކާގެ ބައިވެރިވުމާއެކު ހެދި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުގައެވެ. މި އެއްބަސްވުމުގެ ސަބަބުން ގިނަ ހަނގުރާމަތައް ހަމައަކަށް އެޅި، އަސީރުންނަށް ގެއަށް ދެވުމުގެ ފުރުސަތު ލިބިފައިވެއެވެ.