ޚަބަރު
ޤައުމީ ޞިއްޙީ ލެބޯރޓަރީގެ ފީސިބިލިޓީ ހެދުމާއި، ޑިޒައިންކުރަން ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްފި
ޤައުމީ ޞިއްޙީ ލެބޯރޓަރީގެ ފީސިބިލިޓީ ހެދުމާއި، ޑިޒައިންކުރަން ޖަރުމަނުގެ ކުންފުންޏަކާ އެކު ސޮއިކުރުން
ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ ލެބޯރޓަރީ (އެން.އެޗް.އެލް) އެޅުމަށްޓަކައި ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޖައިޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1،230،160.64 ޑޮލަރު (18.9 މިލިޔަން ރުފިޔާ) އަށެވެ. މި އެއްބަސްވުމުގެ ދަށުން ޖައިޓެކްއިން ވަނީ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމުގެ ޒިންމާވެސް ނަގާފައެވެ.
މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. އަދި ޖައިޓެކް ކޮންސަލްޓިންގ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓިއަން ޖެމިނޮންއެވެ.
މިވަގުތު ޤައުމީ ޞިއްޙީ ލެބޯރޓަރީ ހިންގަމުން ދަނީ ސިއްޙީ ވުޒާރާ ހިންގާ އިމާރާތުގައި ކަމަށްވާއިރު، ޖާގައިގެ ދަތިކަމާހުރެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ވުޒާރާއިން ފާހަގަކުރައްވައެވެ.
ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި ލެބޯޓަރީއަކީ ބަޔޯސޭފްޓީގެ ލެވެލް 3 ގެ މިންގަނޑުތަކަށް ތަރައްގީކުރެވޭ، 12 ފަންގިފިލާއަށް ހުންނަ އެޑްވާންސް ފެންވަރުގެ ޢިމާރާތެކެވެ. މި މަޝްރޫޢަށް ފަންޑުކޮށްފައިވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި ދިވެހި ސަރުކާރުންނެވެ. މަޝްރޫޢު ތަންފީޒުކުރަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ފީސިބިލިޓީ ދިރާސާތަކާއި ޑިޒައިންގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ދެވަނަ ފިޔަވަހީގައި މިފެށޭ އަހަރު އިމާރާތްކުރުމާއި އިކުއިޕްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ޖައިޓެކްއާ ހަވާލުކުރެވުނު މަސައްކަތުގެ ތެރެއިން ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އޭގެ އިތުރުން، 145 ދުވަހުގެ ތެރޭގައި ޑިޒައިންގެ މަސައްކަތް ނިންމުމަށްފަހު، ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވަވިޝަންގެ މަސައްކަތް ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމެންދެން ކުރިއަށް ގެންދާނެއެވެ.
މި ލެބޯޓަރީ ޤާއިމުވުމުން ޞިއްޙީ ވުޒާރާއިން ވިދާޅުވާގޮތުގައި، ވައިރޮލޮޖީ ރިސްކް ލެވެލް 2 އާއި 3 ވައިރަސްތައް ތަޙްލީލުކުރުމުގެ އިންތިޒާމުތައް ޤާއިމުކުރެވޭނެއެވެ. އަދި ބެކްޓީރިއޮލޮޖީގެ ދާއިރާއިންނާއި، ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ޤާއިމްކުރެވި، ރާއްޖެއަށް އެތެރެކުރެވޭ އަދި ބޭރުކުރެވޭ މިފަދަ ތަކެތި ތަހުލީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، މައިކޮލޮޖީ (ފަންގަސް ދިރާސާކުރުން)، އެންޓޮމޮލޮޖީ (ސޫފާސޫފި ދިރާސާކުރުން) އަދި ޕެރަސައިޓޮލޮޖީ (ބަލިޖައްސާ ފަނިފަކުސަ ދިރާސާކުރުން) ގެ ދާއިރާތަކުން ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެއެވެ. މި ޢިމާރާތުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރ ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސަބަބުން ޞީއްޙީ ދާއިރާއިން ކުރަން ބޭނުންވާ ދިރާސާތައް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.