Ads by Stelco

ޚަބަރު

ޞިއްޙީ ދައިރާއަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ކޮންމެހެން ހުންނަން ޖެހޭ: ވަޒީރު ނާޡިމް

ޞިއްޙީ ދައިރާއަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ކޮންމެހެން ހުންނަން ޖެހޭ: ވަޒީރު ނާޡިމް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް. ފޮޓޯ: ޞިއްޙީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2025، 10:33

09 ނޮވެމްބަރު 2025، 10:33

ޞިއްޙީ ދާއިރާއަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ޤާއިމުކުރުން ކޮންމެހެންވެސް މުހިންމުކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ސިއްޙީ ލެބޯޓަރީގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ޖަރުމަނުގެ ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ހުރުމަކީ ސިއްޙީ ޚިދުމަތްތައް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ޤައުމީ ލެބޯޓަރީގެ މަސައްކަތް ހަވާލުކުރުމަކީ އެކަމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން މިފަދަ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން ދިމާވި ދަތިތަކުގެ ތެރޭގައި، ބޭރަށް ފޮނުވައިގެން ތަޙްލީލުތައް ފުރިހަމަ ކުރަން ޖެހުމުގެ ސަބަބުން ޚަރަދު ބޮޑުވުން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. 

"ޤައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. ތަފާތު ބޭސްތައް ތަޙްލީލު ކުރުމާއި ކާނާގެ ބާވައްތައް ތަޙްލީލު ކުރުމާއި މިފަދަ އެހެނިހެން ކަންކަމަށް އަޅުގަނޑުމެން ބަރޯސާވާން ޖެހެނީ ބޭރުގެ ލެބޯޓަރީތަކަށް. މިކަމުގެ ސަބަބުން ހިނގާ ވަގުތު އިތުރުވެ ޚަރަދު ބޮޑުވެ އެންމެ އެކަށީގެންވާ ވަގުތުގައި ރައްޔިތުންނަށް ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި" ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ލެބޯޓަރީގެ ޑިޒައިން މަސައްކަތް ޖަރުމަނުގެ ޖައިޓެކް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ފަހުން މިމަޝްރޫޢު ކުރިއަށް ގެންދަން ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލެބޯޓަރީއަކީ 12 ފަންގިފިލާގެ އިމާރާތެއް ކަމަށާއި، މިތަނުން ޞިއްޙީ ދާއިރާއަށް މުވައްޒަފުން ތަމްރީނު ކުރުމަށްވެސް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ރޯޝަނީ ބިލްޑިންގައި ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލެބޯޓަރީވެސް މިތަނަށް ބަދަލު ކުރެވޭނެއެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ ޤައުމީ ޞިއްޙީ ލެބޯޓަރީގެ ޚިދުމަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. މިތަނަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވޭ ލެބޯޓަރީއަކަށްވާއިރު، އެތަނުގައި ބަޔޯސެފްޓީ ލެވެލް 3 މިންގަނޑުގެ ލެބުތައް ހުންނާނެ ކަމަށް ޞިއްޙީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރު ކުރިއެރުމަކަށް ވާސިލުވެ، ރައްޔިތުންނަށް އަވަސް އަދި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން