ޚަބަރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރަށް، ތިބީ މަސްތުވެފައި ކަމަށް ބެލެވޭ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހުން.
ފަރުދުން
10 ނޮވެމްބަރު 2025، 03:54
10 ނޮވެމްބަރު 2025، 03:54
ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތީން އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ، ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކާރު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، އެ ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި ކާރުގެ ހުންގާނުގައި އިން ހ. ބްލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އާއި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) އެވެ. މި ދެ މީހުން ވެސް ހައްޔަރުކުރިއިރު ތިބީ މަސްތުވެފައި ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 8ވަނަ ދުވަހުގައެވެ. މައްސަލައިގައި ހިމެނޭ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ އެކްސިޑެންޓު ހިނގި ވަޤުތު އެ ސަރަޙައްދުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.