Ads by Stelco

ޚަބަރު

ވެލާނާ ޑޮލަރު ފޭރުމުގެ މައްސަލަ: ޝާމިލުވި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ވެލާނާ ޑޮލަރު ފޭރުމުގެ މައްސަލަ: ޝާމިލުވި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ވެލާނާ ޑޮލަރު ފޭރުމުގެ މައްސަލަ: ޝާމިލުވި އިތުރު ތިން މީހަކު ހައްޔަރުކުރުން. ފޮޓޯ: ފުލުހުން.

farudhun logo

ފަރުދުން

10 ނޮވެމްބަރު 2025، 04:44

10 ނޮވެމްބަރު 2025، 04:44

ވެލާނާ ވައިގެ ބަނދަރުން ޑޮލަރު ފޭރުނު މައްސަލައިގައި ޝާމިލުވި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ ޖަރީމާއާ ގުޅިގެން، އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛

- ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު، 27އ، ގއ. ވިލިނގިލި، ބިނާ

- އަޙުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ

- ޢަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ

މި މީހުންގެ ތެރެއިން ޢަބްދުލްއައްވަލް ހައްޔަރުކުރީ، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގައެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން، ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ޖެހީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ގެންދިޔުމުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

ވެލާނާ ވައިގެ ބަނދަރުން ފުރާ ދިވެހީންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައިގައި، އެ ޖަރީމާ ހިންގި ދުވަހު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންނަކީ؛

- މާޒިން މޫސާ، ލ. މާވަށް، ރޭޝަމް

- އަޙުމަދު ރައިޙާން ނަޢީމް، މ. ކޯރަސް

- އިބްރާހީމް އަނޫފް، ކ. ގުރައިދޫ އަޅިވިލާގެ

- ޙުސައިން ޝަހުދު، ކ. ގުރައިދޫ އަޅިވިލާގެ

މި މީހުންނާ އެކު، މި މައްސަލައިގެ ތުހުމަތަށް ފުލުހުންގެ ބަންދުގައި ޖުމްލަ ހަތް މީހުން އެބަތިއްބެވެ. އެ އެންމެން ވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

ޑޮލަރު އަޅާފައި ހުރި ސޫޓް ކޭސް ފޭރުނީ، އެ ހިފައިގެން ގިމަތައަށް ވަންނަން ދިޔަ ބޭންކުގެ ދެ މުވައްޡަފަކަށް ބިރު ދެއްކުމަށް ފަހުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން ފުރުން ވެސް މަނާކޮށްފައިވާ ކަމަށެވެ. ތަޙުޤީޤުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ބަލާފައިވާ ކަމަށް ވެސް އޮފިޝަލް ހާމަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން