ސައިންސް
މިއީ 36 މީހުން ދިރިތިއްބާ ސްނޯގަނޑުގައި ވަޅުލައިގެން ހެދި ތަޙްލީލެއް!
ތަޙްލީލް ހެދުމަށް މީހުން ސްނޯގަނޑުގައި ވަޅުލަނީ
ސައިންސްގެ ތަރައްޤީއަށްޓަކައި ދިރިތިއްބާ ބަޔަކު ސްނޯގަނޑުގެ ދަށަށް ގޮއްސާނެތޯ؟ މިއީ ޤަބޫލުކުރަން ދަތި ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް، 36 ފަރާތެއްގެ ޓީމަކުން ވަނީ ސައިންސްގެ ތަހުލީލެއްގެ ތެރެއިން ސްނޯގަނޑުގެ ދަށުގައި ދިރިތިއްބާ ވަޅުލުމަށް އެއްބަސްވެފައެވެ. މި ހިތްވަރުގަދަ ތަހުލީލު ހިންގާފައިވަނީ އިޓަލީގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން މާޗު މަހާ ދެމެދުގައެވެ.
މި ތަހުލީލުގެ ބޭނުމަކީ، ގަނޑުފެނުގެ ކާރިސާތަކުގައި ސްނޯގަނޑުގެ ދަށުގައި ތާށިވާ މީހުން ސަލާމަތް ކުރުމަށް ޚާއްސަކޮށް އީޖާދުކޮށްފައިވާ އާ ސަލާމަތީ ވަސީލަތެއް ތަހުލީލު ކުރުމެވެ. މި އީޖާދުކުރެވުނު އުފެއްދުމަށް ކިޔަނީ "ސޭފްބެގް" އެވެ.
ތަހުލީލުގެ ތެރޭގައި، މި ވަލަންޓިއަރުން ވަނީ ސޭފްބެގް އާލާތް ބޭނުންކޮށްފައެވެ. މި އާލާތުން ގަނޑުފެނުގެ ދަށުގައި ކާބަން ޑައިއޮކްސައިޑް ގިނަވުން މަޑުޖައްސާލުމާއި، އޮކްސިޖަން މަދުވުން ފަސްކޮށްލައެވެ. މި ތަހުލީލުގެ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއެކު މޮނިޓަރ ކުރެވުނުއިރު، އެއްވެސް މީހެއްގެ ސިއްހަތަށް ނުރައްކަލެއް ކުރިމަތިވީނަމަ ވަގުތުން ސަލާމަތް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުއްޓެވެ.
ސޭފްބެގް އާލާތް މަސައްކަތްކުރަނީ ސްނޯގަނޑުގެ ތެރެއިން އޮކްސިޖަން ދަމައިގަނެ، ބޭނުންކުރާ މީހާގެ ނޭވާލާ ނިޒާމަށް ފޯރުކޮށްދީގެނެވެ. މީގެން ބޭރުން އޮކްސިޖަން ދޭން ނުޖެހޭއިރު، ނޭވާލާން ޚާއްސަ މައުތުޕީސްއެއްވެސް ބޭނުމެއް ނުވެއެވެ.
މި ތަހުލީލުގައި ބައިވެރިވި 18 އަހަރާއި 60 އަހަރާ ދެމެދުގެ ހުރިހާ ވޮލެންޓިއަރުންނަކީވެސް ސިއްހަތު ރަނގަޅު މީހުންނެވެ. އެމީހުން ގަނޑުފެނުގެ ދަށަށް 50 ސެންޓިމީޓަރު އަޑިގައި ވަޅުލެވުނު އިރު، އެމީހުންގެ ސިއްހީ ބައެއް އަލާމާތްތައް ކެނޑިނޭޅި މޮނިޓަރ ކުރެވުނެވެ. މި މީހުން ދެ ގްރޫޕަކަށް ބަހާލެވުނުއިރު، އެއް ގްރޫޕުން ސޭފްބެގް އާލާތް ބޭނުންކުރިއިރު، އަނެއް ގްރޫޕުން އެއްވެސް އާލާތެއް ބޭނުމެއް ނުކުރެއެވެ.
ތަހުލީލުގެ ނަތީޖާއިން ދައްކާފައިވަނީ، ސޭފްބެގް ބޭނުންކުރި މީހުން، އޮކްސިޖަން 80 އިންސައްތައަށްވުރެ ބޮޑަށް މަދުވިއަސް، ސްނޯގެ ދަށުގައި އެވްރެޖްކޮށް 35 މިނިޓު ވަންދެން ދިރިތިބިކަމެވެ. އެހެންނަމަވެސް، އެއްވެސް އާލާތެއް ބޭނުންނުކުރާ ގްރޫޕުގެ މީހުން ދިރިތިބީ އެވްރެޖްކޮށް 6 މިނިޓު ވަންދެނެވެ. މީގެ އިތުރުން، ސޭފްބެގް ބޭނުންކުރި މީހުންގެ ވަށައިގެން ކާބަން ޑައިއޮކްސައިޑްގެ ނިސްބަތް ހުރީ އެންމެ 1.3 އިންސައްތައިގައެވެ. އަނެއްކޮޅުން، ކޮންޓްރޯލް ގްރޫޕުގެ ކާބަން ޑައިއޮކްސައިޑްގެ މިންވަރު 6.1 އިންސައްތައަށް އަރާފައިވެއެވެ.
މި ދިރާސާ ކުރި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސްނޯގެ ކާރިސާތަކުގައި ގިނަ މީހުން މަރުވަނީ ފުރަތަމަ 35 މިނިޓުގެ ތެރޭގައި ނޭވާ ހާސްވުމުގެ ސަބަބުންނެވެ. ސަލާމަތްވުމުގެ ވަގުތު އިތުރުކުރެވުމުން، ސަލާމަތްކުރުމުގެ ކާމިޔާބީގެ ރޭޓު ވަރަށް ބޮޑަށް އިތުރުކުރެވޭނެއެވެ.
މި ދިރާސާގެ ނަތީޖާތައް ވަނީ ޖަރނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަން ގައި ޝާއިޢުކޮށްފައެވެ.