ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމަށް ޤައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފި

އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމަށް ޤައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފި

ޤައުމީ ޓީމު ސްކޮޑަށް އަލަށް ނެގި އީތަން ޒަކީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ނޮވެމްބަރު 2025، 06:58

10 ނޮވެމްބަރު 2025، 06:58

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން މިއަދު ހަވީރު ފަރިތަކުރުންތައް ފަށައިފިއެވެ.

ރާއްޖޭގެ ޓީމުން ފަރިތަކުރުންތައް ފަށާފައި މިވަނީ 2027ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕަށް ކޮލިފައިންގައި މި މަހުގެ 18ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށެވެ.

މި މެޗަށް ނަގާފައިވާ ސްކޮޑު ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން އިޢުލާންކޮށްފައި ވަނީ މިއަދުއެވެ. އެ ސްކޮޑުގައި މުޅިން އަލަށް ފުރުސަތު ދީފައިވާ ޒުވާން 3 ކުޅުންތެރިން ހިމެނެއެވެ. އެއީ ކުލަބު ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ އާއި ބުރު ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ޠާއިފް ޤާސިމުގެ އިތުރުން، ކުލަބު އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ މުޙައްމަދު އަޝްވާނެވެ. 

މީގެ ތެރެއިން އަޝްވާން ވަނީ އީގަލްސްއިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ހަތަރު މެޗުގައި އޭނާ ކައިރިން ވަދެފައިވަނީ އެންމެ ގޯލެކެވެ. ލީގުގައި އޭނާ ވަނީ ޖެހިޖެހިގެން ތިން މެޗުގައި ކޮޅަށް ގޯލެއް ވަނަނުދީ ނިންމާލައިފައެވެ. އޭގެ ތެރޭގައި، އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އީގަލްސްއިން ކުޅުނު މެޗުތައް ހިމެނެއެވެ. އޮޑިއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުންތެރިއަކީ ވެސް އަޝްވާންއެވެ.

އަޝްވާންގެ އިތުރުން، އުމުރުން 16 އަހަރުގެ އީތަން އާއި ޠާއިފްއަކީ ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިތަކެކެވެ. އެގޮތުން ލީގުގައި ވެލެންސިއާއިން މިހާތަނަށް ނެރެފައިވާ ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި އީތަންގެ ދައުރު ބޮޑުއިރު، ޠާއިފް ވަނީ މި ފަހުން ލީގުގައި ގިނަ މެޗުތަކެއްގައި އެއް ފެންވަރެއްގެ ކުޅުމެއް ދައްކާފައެވެ.

ފިލިޕީންސް މެޗަށް ނެގި ޤައުމީ ސްކޮޑު:

  • ސަމޫހު އަލީ (މާޒިޔާ)
  • ހުސެއިން ޝަރީފް (މާޒިޔާ)
  • އިބްރާހިމް މަހުދީ ހުސެއިން (އީގަލްސް)
  • އިބްރާހިމް އައިސަމް (މާޒިޔާ)
  • ހައިޝަމް ހަސަން (މާޒިޔާ)
  • ހަމްޒާ މުހައްމަދު (މާޒިޔާ)
  • ނާއިޒް ހަސަން (މާޒިޔާ)
  • މުހައްމަދު އިރުފާން (ނިއު ރޭޑިއަންޓް)
  • އަލީ ފާސިރު (ނިއު ރޭޑިއަންޓް)
  • އަހުމަދު އައިހަމް (މާޒިޔާ)
  • އީތަން އިބްރާހިމް ޒަކީ (ވެލެންސިއާ)
  • ހަސަން ނަޒީމް (މާޒިޔާ)
  • އިބްރާހިމް އުސާމާ ހަސަން މަޖީދު (ބުރު)
  • އަހުމަދު ރިޒުވާން (އީގަލްސް)
  • ހުސެއިން ނިހާން (އޮޑި)
  • އަހުމަދު އައިހަމް (އޮޑި)
  • ހަސަން ރާއިފް އަހުމަދު (ނިއު ރޭޑިއަންޓް)
  • ހަސަން ޝިފާޒް (މާޒިޔާ)
  • އަހުޒަމް ރަޝީދު (އޮޑި)
  • މުހައްމަދު ފައިސަލް (ބުރު)
  • މުހައްމަދު އިލާން އިމްރާން (މާޒިޔާ)
  • ހިސާމް ސަލީމް (އީގަލްސް)
  • ތޯއިފް ގާސިމް (ބުރު)
  • މުހައްމަދު އަޝްވާން (އީގަލްސް)
  • ހަސަން ހައިޝަމް ހާމިދު (ވެލެންސިއާ)

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ޕޮއިންޓް ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު، އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އަނެއް މެޗުން ޕޮއިންޓެއް ހޯދައިފައެވެ.

ދެވަނައިގައި އޮތް ތަޖިކިސްތާނަށްވެސް 10 ޕޮއިންޓް ލިބިފައިވާއިރު، ފިލިޕީންސް ކުރި ހޯދައިފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނަ ޓިމޯ ލެސްޓޭއަށް ލިބިފައިވާއިރު، އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން