ޚަބަރު
އިމިގްރޭޝަނުން އަލަށް ތަޢާރަފްކުރި އައު ސިސްޓަމާއެކު، ބިދޭސީއެއްގެ މޫނުން އޭނާގެ ވަނަވަރު ދެނެގަނެވޭނެ
އިމިގްރޭޝަނުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން---
ފަރުދުން
10 ނޮވެމްބަރު 2025، 09:09
10 ނޮވެމްބަރު 2025، 09:09
ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ލިޔެކިޔުން ނެތް ބިދޭސީން ދެނެގަތުމަށް ޒަމާނީ ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ކަމުގައިވާ 'އެމް.އައި އައި.ޑީ ޗެކަރ' މިއަދު ތަޢާރަފުކުރިއިރު، މި ސިސްޓަމް މެދުވެރިކޮށް ބިދޭސީއެއްގެ މޫނުން އޭނާއާ ބެހޭ މަޢުލޫމާތުތައް ދެނެގަނެވޭނެއެވެ.
ބާސެލޯސް ނަސަންދުރައިގައި އޮތް ޚާއްޞަ ރަސްމިއްޔާތެގައި މި ސިސްޓަމް ތަޢާރަފްކޮށްފައިވާއިރު، މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދޭނެ ފުރިހަމަ އެޕްލިކޭޝަނެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއެވެ.
މި މަޢުޟޫޢުގައި އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު ފަރުމާކޮށް ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަނަކީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެކެވެ.
މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން، ހިނދުން ހިނދަށް އެ ބިދޭސީއެއްގެ ޝަހްޝު ދެނެގަނެ، ކަށަވަރުކޮށް، ބިދޭސީ ފަރާތާ ގުޅޭ އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެތެރޭގައި ޕާސްޕޯޓު، ވާރކް ޕާރމިޓް، އަދި ވީޒާގެ މަޢުލޫމާތުގެ އިތުރުން ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމެނެއެވެ. އަދި ވަޒީފާ ދޭ ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީންވެސް މި އެޕްލިކޭޝަނުން ދެނެގަނެވޭނެއެވެ. ފޮޓޯގެ އިތުރުން، ބިދޭސީއެއްގެ ޤައުމީ ނިސްބަތާއި ޕާސްޕޯޓު ނަންބަރު ބޭނުންކޮށްގެން ނުވަތަ ޕާސްޕޯޓު ނަންބަރާއި ވޯކްޕަރމިޓް ނަންބަރު ބޭނުންކޮށްގެން ނުވަތަ ވޯކްޕާމިޓް ފަހަތުގައި ހިމެނޭ ކިއު.އާރު ކޯޑު ސްކޭންކޮށްލައިގެން ވެސް މި އެޕްލިކޭޝަނުން މީހުން ދެނެގަނެވޭނެއެވެ.
ޤާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުން މި އެޕްލިކޭޝަންގެ ބޭނުންކުރެވޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި މުސްތަޤްބަލުގައި ކައުންސިލްތަކުން ވެސް މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ހަމަޖެހިގެންދާނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، 'ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އެކުލަވާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގިނަގުނަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން، މިހާތަނަށް މި ސަރުކާރުގެ މަސައްކަތުން 9,000 އަށްވުރެ ގިނަ ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލެވިފައެވެ.