ޚަބަރު
ފުވައްމުލަކު ސަޕްލައި ފެން ނުރައްކާތެރި މިންވަރަށް ތަޣައްޔަރުވެއްޖެ: ފުވައްމުލަކު ސިޓީ ކައުންސިލް
ފެނުގެ މައްސަލަ ޙައްލުކުރަން ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުން، އެ ރަށުގެ އިދާރާތަކުގެ އިސްވެރިންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި-- ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް ފޭސްބުކް ޕޭޖު
ފަރުދުން
11 ނޮވެމްބަރު 2025، 02:49
11 ނޮވެމްބަރު 2025، 02:49
ފުވައްމުލަކުގެ ސަޕްލައި ފެން އިންސާނުން އިސްތިޢުމާލުކުރުމަށް ނުއެކަޝޭނަ މިންވަރަށް ތަޣައްޔަރުވެއްޖެ ކަމަށާއި، އެ މައްސަލަ ޙައްލުކުރުމަށް ދެތިން ދުވަސް ހޭދަވާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އަދު ބުނެފިއެވެ.
ސާދަ ހާހާ ގާތްކުރާ ޢަދަދެއްގެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގައި ފެނުގެ ނިޡާމަށް ދިމާވި މައްސަލަ ޙައްލުކުރުމަށްޓަކައި، އިއްޔެ މެންދުރު 1:00ހައިއިރު ވަނީ ފެން ކަނޑާލައިފައެވެ.
އެ ކަމާ ގުޅިގެން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ ވިދާޅުވީ، ސަޕްލައި ފެން ތަޣައްޔަރުވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ނަމަވެސް، އެ ކަން ޙައްލުކުރުމުގައި ފެނަކައިން އިސްނަގާފައިނުވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
ފެނަކައިގެ ޕްލާންޓުން ފެން ލީކުވާ މައްސަލައާއި، އެއާ އެއްވަރަށް ފެން ނުއުފެއްދޭ މައްސަލަ ވެސް މިހާރު ވަނީ ބޮޑުވެފައެވެ. ވީމާ، ފުވައްމުލަކު ގޭގެއަށް ފެން ލިބުމުގައި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ.
ފުވައްމުލަކު ފެނުގެ މައްސަލައިގައި ޢާންމުންގެ ޝިކާޔަތު ބޮޑުވުމުން، އެ ކަންބޮޑުވުންތައް ހާމަކޮށްފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. އޭގެ ފަހުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އޮފިޝަލަކު އިސްވެދިޔަ ހަފްތާގައި ފުވައްމުލަކަށް ވަޑައިގެން، ފެނުގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ ކަންކަން ކުރެއްވުމުން ޔަޤީންވީ، ފެނުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމެވެ.
އިސްސާނުން ބޭނުންކުރަން ރަނގަޅު ނުވާ ވަރަށް ދަށްވެފައި ހުރީ ފެނުގެ ޙާލަތު.
ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ
ފިކުރީ ވިދާޅުވި ގޮތުގައި، ޔުޓިލިޓީގެ ލަފައާ އެކު، ފެނުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެ މަސައްކަތުގައި ފެނުގެ ނިޡާމަށް ގިނަ މިންވަރެއްގެ ކްލޯރީން އަޅާފައިވެއެވެ.
ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި އެމް.އެން.ޑީ.އެފް. ގުޅިގެން ފުވައްމުލަކަށް މިހާރު ފެން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އައްޑުއިން ވެސް ރޭގައި ފެން ކޭސް ގެންގޮސް، އަދި މާލެއިން ވެސް އިތުރު ކޭސްތައް ގެންގޮސް، ގޭގެއަށް އެ ކޭސްތައް ބެހުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ މަޢުލޫމާތު ދީފައި ވެއެވެ.
ފުވައްމުލަކު ފެނަކަ ބްރާންޗުން ރޭ ނެރުނު އެންގުމުގައި ވަނީ، ވޯޓަރ ޕިއުރިފަޔަރ ބޭނުންކޮށްގެން ސަޕްލައި ފެން ބޯ ނަމަ، މައްސަލަ ޙައްލުކުރެވެންދެން އެ ކަން އެ ގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.