ޚަބަރު
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އެންމެ ކުރިއަރާފައިވާ ނިޒާމަށް ބަދަލުވާނެ: ސީއީއޯ ޝަފީޤް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޙަސަން ޝަފީޤް. ފޮޓޯ: އެމްޕީއެލް
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ އިންޤިލާބީ ބަދަލެއް ކަމަށާއި، މި ބަދަލާއެކު ޚިދުމަތުގެ ނިޒާމު ބަދަލުވެގެންދާނީ އެންމެ ކުރިއަރާފައިވާ ޒަމާނީ ނިޒާމަކަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޙަސަން ޝަފީޤް ވިދާޅުވެއްޖެއެވެ.
ޝަފީޤް މިހެން ވިދާޅުވީ ދެވަނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި އަހަރުގެ ކޮންފަރެންސްގައި ސަރަޙައްދީ ޤައުމުތަކުގައި މި ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ފަންނީ ތަޖުރިބާކާރުން ބައިވެރިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީޤް ވިދާޅުވީ، ރާއްޖެއަކީ 90 އިންސައްތަ ކަނޑު އޮތް ޤައުމަކަށްވުމާއެކު، މެރިޓައިމް ދާއިރާއަކީ ރާއްޖެއަށް ވަރަށް މުހިންމު ސިނާޢަތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ދޭ ޚިދުމަތުގެ އިތުރުން، މި ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ރާއްޖެފަދަ ޤައުމަކުން އިސްނަގަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިފަދަ ބޮޑު ސިނާޢަތެއް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސަކީ ހުނަރާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ކަމަށް ޝަފީޤް ވިދާޅުވިއެވެ. އެހެންކަމުން އެމްޕީއެލްއިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުން ކަމަށާއި، ކުންފުނީގެ ޢަމާޒަކީ ކޮންމެ މުވައްޒަފަކީ ވެސް އެމީހަކު މަސައްކަތްކުރާ ދާއިރާއަކުން އެކަށީގެންވާ ހުނަރާއި ތަމްރީނު ލިބިފައިވާ މީހަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.
"މި ތަރައްޤީއާއެކު، ބަދަލުވެގެންދާނީ ޒަމާނީ ޚިދުމަތުގެ ނިޒާމަކަށް. ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުވާއިރު، ޚިދުމަތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެ. ޚާއްސަކޮށް ސަރުކާރުގެ 2.0 ނިޒާމާއެކު، އޭ.އައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްތަކުގެ ބެލެހެއްޓުން ހަރުދަނާވެ ޚިދުމަތްތައް އަވަސްވާނެ."
ޝަފީޤް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ޝަފީޤް ވިދާޅުވީ، މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ އެއް ޤައުމު އަނެއް ޤައުމާ ގުޅުވައިދީ، ތަޖުރިބާތައް ޙިއްސާކުރުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ދާއިރާ ހަރުދަނާކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެދެވޭ ޙައްލުތަކެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.