ވިޔަފާރި / ޚަބަރު
ކިއުއާރު ކޯޑު ބޭނުންކޮށްގެން ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ބީއެމްއެލްއިން ހަދައިފި
ކިއުއާރު ކޯޑު ބޭނުންކޮށްގެން ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ބީއެމްއެލްއިން ތަޢާރަފްކުރުން---
ކުއިކް ރެސްޕޯންސް ކޯޑު، ނުވަތަ ކިއުއާރު ކޯޑު މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ހަދައިފިއެވެ.
ކުރިން ކިއުއާރު ކޯޑު މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ކުރެވެނީ ޕީއޯއެސް މެޝިންތަކުގެ އެހީގައި، ވިޔަފާރިތަކަށް ފައިސާ ދެއްކުމަށެވެ. ނަމަވެސް ބީއެމްއެލްއިން އަލަށް މި ތަޢާރަފްކުރި ޚިދުމަތާއެކު، އެކަކު އަނެއްކަކަށް ފައިސާ ޓްރާންސްފާރ ކުރުމުގައި ވެސް ކިއުއާރުކޯޑު ބޭނުންކުރެވޭނެއެވެ.
އެގޮތުން، ބީއެމްއެލްގެ މޯބައިލް އެޕް އަޕްޑޭޓް ކުރުމަށްފަހު ލޮގިންވާއިރު، ސްކޭން އައިކޮން ފެންނާނެއެވެ. އެ އައިކޮންއަށް ފިތާލުމުން، ފައިސާ ލިބިގަތުމަށް ބޭނުންވާނަމަ ކިއުއާރު ކޯޑެއް ޖެނެރޭތު ކުރެވޭނެއެވެ. އަދި އެއަށްފަހު ފައިސާ ޖަމާވުމަށް ބޭނުންވާ އެކައުންޓެއް ވެސް އިޚްތިޔާރު ކުރެވޭނެއެވެ.
އަދި ހަމަ އެގޮތަށް ފައިސާ ފޮނުވަން ބޭނުންވާނަމަ، ފައިސާ ފޮނުވަން ބޭނުންވާ މީހާގެ ބީއެމްއެލް އެޕްއިން ޖެނެރޭޓުކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމަށްފަހު ބޭނުންވާ އެކައުންޓަކުން ފައިސާ ފޮނުވާލެވޭނެއެވެ.
Quickly and securely send and receive funds through QR codes! ⚡️
— Bank of Maldives (@bankofmaldives) November 11, 2025
Mobile app update coming 🔜
Version 2.1.36.320 pic.twitter.com/YBiwfpFJSR
މި ޚިދުމަތް ތަޢާރަފް ކުރުމަށްފަހު ބީއެމްއެލްއިން ބުނީ، އެ ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫޢުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކް ކަމަށެވެ.
"މިއަދުން ފެށިގެން ކިއުއާރު ކޯޑް ސްކޭން ކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރު ކޯޑް ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ." ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ވަނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު، އެކަން ވެސް އަންގާރަ ދުވަހުގެރޭ އިޢުލާންކޮށްފައެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު، އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.