ޚަބަރު
އިމިގްރޭޝަނުން އަލަށް ތަޢާރަފްކުރި ޚިދުމަތްތަކަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީއިން މަރުޙަބާ ކިޔައިފި
މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް / ފޮޓޯ: ޕީއެސްއެމް
ފަރުދުން
12 ނޮވެމްބަރު 2025، 09:28
12 ނޮވެމްބަރު 2025، 09:28
މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ތަޢާރަފްކުރި ޑިޖިޓަލް ޚިދުމަތްތަކާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއިން މަރުޙަބާ ކިޔައިފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓިލައިޒް ކުރުމާއެކު އީ-ވިޒާގެ ޚިދުމަތްތައް ތަޢާރަފް ކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ދެނެގަނެވޭނެ އެޕްލިކޭޝަނެއް ލޯންޗު ކުރުމަކީ އެ އިންޑަސްޓްރީގެ މަސައްކަތްތަކަށާއި، ހިންގުމުގެ ދާއިރާ އާއި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފަސޭހަ ކަމެކެވެ.
އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ މޯލްޑިވްސް 2.0 ޤައުމީ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމުން، މި ކަމުގައި އެ އެސޯސިއޭޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ އެސޯސިއޭޝަނުގެ މެމްބަރުންނާއި، ހިންގާކޮމިޓީގެ މެމްބަރުންގެ ނަމުގައި ތަޙުނިޔާ ދަންނަވައި، ޝުކުރު އަދާކުރައްވާފައެވެ.
އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކަށް ބިދޭސީންގެ މަޢުލޫމާތު އެކުލެވޭ އަދި ފަސޭހައިން ކާކުކަން ދެނެގަނެވޭ އެޕްލިކޭޝަނަކާއި އީ-ވިޒާގެ ނިޒާމަކީ ވަރަށް ބޭނުންތެރިކަމެކެވެ.
އެ އެސޯސިއޭޝަނުން ވަނީ ބިދޭސީ މަސައްކަތްތެރިންގެ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާން ދެއްވާ ސަމާލުކަމާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އަޙުމަދު ފަސީހު އާއި އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަސައްކަތްތަކާއި ކަމާބެހޭ މުވައްޒަފުން ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމަށް ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން މިފަދަ ކަންކަމުގައި ދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.