ދުނިޔެ

އެމެރިކާއާއި އިސްރާއިލާ ގުޅުންހުރި ޖާސޫސީ ވިއުގައެއް އިރާނުން ރޫޅާލައިފި

އެމެރިކާއާއި އިސްރާއިލާ ގުޅުންހުރި ޖާސޫސީ ވިއުގައެއް އިރާނުން ރޫޅާލައިފި

އިސްރާއިލް އެމެރިކާ އަދި އިިރާންގެ ހަމަނުޖެހުންތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2025، 11:57

12 ނޮވެމްބަރު 2025، 11:57

އެމެރިކާ އަދި އިސްރާއިލާ ގުޅުންހުރި ޖާސޫސީ ވިއުގައެއް އިރާނުން ރޫޅާލައިފިއެވެ. 

އިރާނުން ބުނެފައިވަނީ އެވިއުގައަކީ އެޤައުމުގެ، ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހަރަކާތްތެރިވި ކަމަށް ބުނާ ޖާސޫސީ ވިއުގައެއްކަމަށެވެ. އަދި އެވިއުގައަކީ އެމެރިކާ އާއި އިސްރާއިލްގެ އިންޓެލިޖެންސް އިދާރާތަކުގެ އިރުޝާދުގެ ދަށުން ހިންގަމުން ދިޔަ ތަނެއް ކަމަށް އިރާނުން ވަނީ އިޢުލާނުކޮށްފައެވެ. 

 މި އިޢުލާނާއެކު، އިރާނާއި އިސްރާއިލާ ދެމެދު 12 ދުވަހަށް ދިގުދެމިގެން ދިޔަ ހަނގުރާމައަށް ފަހު، ދެ ޤައުމުގެ މެދުގައި އޮތް ނާޒުކު ގުޅުން އަނެއްކާވެސް ފެންނަން ފަށައިފިއެވެ.

އިރާނުގެ ރަސްމީ ޓީވީން އިއްޔެ (އަންގާރަ ދުވަހު) ބްރޯޑްކާސްޓްކުރި ބަޔާނެއްގައި، އިރާނުގެ އިންޓެލިޖެންސް އިދާރާއިން ބުނެފައިވަނީ "އެމެރިކާ އަދި އިސްރާއިލްގެ ޖާސޫސީ އިދާރާތަކުގެ އިރުޝާދުގެ ދަށުން ހަރަކާތްތެރިވަމުން ދިޔަ، އިރާނުގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ސެލްއެއް ހޯދައި ރޫޅާލެވިފައިވާ" ކަމަށެވެ.

 މި އޮޕަރޭޝަން ހިންގާފައި ވަނީ އިރާނުގެ އެކި ޕްރޮވިންސްތަކުގައި ކަން ހާމަކޮށްފައިވީނަމަވެސް، އޮޕަރޭޝަން ހިންގި ތަންތަނާއި ހައްޔަރުކުރި މީހުންގެ ޢަދަދާ ބެހޭ އިތުރު ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މި އިޢުލާނަކީ، މިދިޔަ ޖޫން މަހު އިސްރާއިލުން އިރާނާ ދެކޮޅަށް ކުރިން ނުދެކޭފަދަ ވަރުގަދަ ހަމަލާތަކެއް ދޭން ފެށި ފަހުން އައިސްފައިވާ ކަމެކެވެ. އެ ހަމަލާތަކުގައި އިރާނުގެ ސީނިއާ އޮފިސަރުންނާއި ނިއުކްލިއާ ސައިންޓިސްޓުން ވެސް ހިމެނޭ ގޮތަށް ސަތޭކަ އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

 އޭގެ ރައްދެއްގެ ގޮތުން އިރާނުން ވެސް އިސްރާއިލަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދިނުމުގެ ނަތީޖާއެއްގެ ގޮތުން 25 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އިސްރާއިލްގެ މައިގަނޑު އެކުވެރިޔާ ކަމަށްވާ އެމެރިކާ ވެސް މި ހަނގުރާމައިގައި ބައިވެރިވެ، އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދިނުމަށްފަހު، ޖޫން 24 ވަނަ ދުވަހު ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއެވެ.

މިދިޔަ މަސްތަކުގެ ތެރޭގައި އިރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިސްރާއިލަށް ޖާސޫސްކުރި ކަމުގެ ކުށް ސާބިތުވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، މަރަން ހުކުމްކޮށްފައެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު އިރާނުގެ ޕާލިމެންޓުން ވަނީ ބޭރުގެ އިންޓެލިޖެންސް އިދާރާތަކާ، ޚާއްސަކޮށް އެމެރިކާ އަދި އިސްރާއިލްގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާ މީހުންނަށް ދޭ އަދަބުތައް ވަރުގަދަ ކުރުމަށް އާ ޤާނޫނެއް ފާސްކޮށްފައެވެ. މިފަދަ ހަރަކާތްތައް ހުއްޓުވުމަށް އިރާނުން ދަނީ ޤާނޫނީ އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންކަން މިކަމުން ހާމަވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން