Ads by Stelco

ޚަބަރު

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް 33 ފަރާތަކަށް ލޯނު ދޫކޮށްފި

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް 33 ފަރާތަކަށް ލޯނު ދޫކޮށްފި

ދިވެހިމަސްދޯންޏެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2025، 11:57

12 ނޮވެމްބަރު 2025، 11:57

މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރް.އެސް.ޑަބްލިއު) ޤާއިމްކުރުމަށް ހުޅުވާލި ލޯނުގެ ދަށުން 33 ފަރާތަކަށް ލޯނު ދޫކުރުމަށް ފާސްކޮށް، ޖުމްލަ 34 މިލިއަން ރުފިޔާގެ ލޯނު ފާސްކުރެވިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

މިހާތަނަށް އޭގެތެރެއިން 23.7 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައެވެ.

މި ލޯނު ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސްވެރިކަން ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ސަރުކާރުން މި ލޯނަށް އެދުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނަމަވެސް، ފަހުން އިތުރު ލުއިތަކާއެކު އަލުން ހުޅުވާލެވުނެވެ. ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އާރް.އެސް.ޑަބްލިއު ޕްރޮގްރާމަށް ޖުމްލަ 85 އެޕްލިކޭޝަނެއް ލިބިފައިވެއެވެ.

މި ލޯނުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ އިތުރުން މަސްވެރިން ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނިފަހަރުގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ވެސް މީގެ މުހިންމު ބޭނުމެކެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީވެ، މަސްވެރިންނަށް ފުރިހަމަ ނަފާ ލިބޭނެކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް ހެދުމަށްޓަކައި، އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަށް ވުޒާރާއިން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީގެ މިންގަނޑު ކުރިން ބަލަމުން އައި 1 އަހަރުގެ މުއްދަތުގެ ބަދަލުގައި، 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި 100،000 ރުފިޔާއިން ފެށިގެން 2 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބެއެވެ. އަލުން ހުޅުވާލި މި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ވެސް ފައިނޭންސް ކުރެވޭނެއެވެ. ލޯނު އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ވަނީ ކަނޑައަޅާފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން