Ads by Stelco

ޚަބަރު

ސީއެެމްޑީއޭގެ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އެއޮތޯރިޓީން އިލްތިމާސްކޮށްފި

ސީއެެމްޑީއޭގެ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އެއޮތޯރިޓީން އިލްތިމާސްކޮށްފި

ރާއްޖޭގެ ރިސޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2025، 11:57

12 ނޮވެމްބަރު 2025، 11:57

ހުލާސާ


ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން، އެ އޮތޯރިޓީގެ ޤާނޫނީ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އިލްތިމާސްކޮށްފިއެވެ. 

ސީއެމްޑީއިން މި އިލްތިމާސްކޮށްފައިމިވަނީ ރާއްޖޭގައި ޤާނޫނީ ހުއްދަ ނެތް ބައެއް ފަރާތްތަކުން އާންމުންނަށް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުށަހަޅަމުންދާ ދަނޑިވަޅެއްގައެވެ.

ސީއެމްޑީއޭއިން ހާމަކުރެއްވި ގޮތުގައި، ޤާނޫނީ ހުއްދަ ނެތް ފަރާތްތަކުން އެކި ބާވަތްތަކުގެ ސެކިއުރެޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ހިދުމަތް ދެމުންދާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވެއެވެ. އަދި މި ހިދުމަތްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށްޓަކައި އާއްމުނަށް އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސީއެމްޑީއޭއިން ވިދާޅުވިއެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން މިފަދަ ކަންކަން ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

އިންވެސްޓްމަންޓް ފަންޑް ހިންގުމާއި، އިންވެސްޓްކުރުމަށް ލަފާދިނުމާއި، ފަންޑް މެނޭޖްކުރުންފަދަ މާލީ ހިދުމަތްތައް ދިނުމަކީ ސީއެމްޑީއޭއިން ލައިސަންސް ނަގައިގެން ކުރަންޖެހޭ ޤާނޫނީ ކަންކަމެވެ. އެހެންކަމުން، ލައިސަންސް ނެތި އެބާވަތުގެ ކަންކަން ނުކުރުމަށް ސީއެމްޑީއޭއިން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.

އާންމުންގެ ރައްކާތެރިކަމަށްޓަކައި، އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތައް ބަލައި، އެފަރާތަކީ ސީއެމްޑީއޭގެ ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުކުރުމަށްފަހު ނޫނީ އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެ އޮތޯރިޓީއިން އިލްތިމާސްކުރެއެވެ. ސީއެމްޑީއޭއިން ހާމަކުރާ ގޮތުގައި އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑްތަކުގެ މައުލޫމާތާއި، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، ލައިސަންސް ނެތި އެފަދަ ކަމެއް ކުރާކަން އެނގޭނަމަ، އެ މައުލޫމާތު އެ އޮތޯރިޓީއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްގީކުރުމަށްޓަކައި މިނިވަން މުއައްސަސާއެއްގެ ގޮތުގައި ސީއެމްޑީއޭ އުފެއްދީ 2006 ވަނަ އަހަރުއެވެ. އެ އޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރަށް ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ. ވީމާ، އިންވެސްޓަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީއެމްޑީއޭގެ ހުއްދަ ލިބިގެން ހިންގާ ސްކީމްތަކުގައި ބައިވެރިވުމަށް އޮތޯރިޓީން އިލްތިމާސްކުރެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން