ދުނިޔެ
އިންޑޮނޭޝިޔާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން 17 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފި
މިސްކިތާއި އެސަރަހައްދުން ހެކީގެ ގޮތުގައި ހޯދި ތަކެއްޗާއި އިތުރު ބޮންތައް ދައްކާލަނީ
ފާއިތުވި ހަފުތާގައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ މިސްކިތެއްގައި ގޮއްވާލި ބޮމުގެ ހަމަލާގައި އެތައް ދިހަ ބަޔަކަށް އަނިޔާވި ހާދިސާގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
އިންޑިނޭޝިޔާ ފުލުހުން ބުނެފައިވަނީ ތަހުޤީޤައި އެކުއްޖާ ބުނެފައިވަނީ އޭނާ އެކަން ކޮށްފައިވަނީ ބަދަލު ހިފުމުގެ ރޫހުގައި ކަމަށާއި، އޭނާ އަށް އެކަން ކުރުމުގެ ހިތްވަރު ލިބިފައިވަނީ ވައިޓް ސުޕްރިމަސިސްޓުންނާއި ނިއޯ-ނާޒީން ދީފައިވާ ހަމަލާތަކުން ކަމަށެވެ.
ޖަކާޓާގެ ކެލާޕާ ގާޑިންގ ސަރަހައްދުގައި ހުންނަ ސްކޫލް ކޮމްޕްލެކްސްއެއްގެ މިސްކިތެއްގައި ހުކުރު ނަމާދުގެ ވަގުތުގައި ދިން މި ހަމަލާގައި 96 މީހުންނަށް އަނިޔާވެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ، މިސްކިތުގެ ތެރެއިންނާއި ވަށައިގެން އަތުން ހަދާފައިވާ ހަތް ބޮން ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ބޮންތައް ކޯކާ-ކޯލާގެ ދަޅުތަކުގައި ބަހައްޓާފައި ހުރި ކަމަށެވެ. ބައެއް ބޮންތައް ގޮއްވާފައިވަނީ ރިމޯޓް ކޮންޓްރޯލް މެދުވެރިކޮށް ކަމަށާއި އަނެއް ބައި ބޮންތައް ފިއުޒް މެދުވެރިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ތިން ބޮމެއް ނުގޮވައި ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. ހަމަލާ ދިން ތަނުން 'ބަދަލު ހިފުން' މިހެން ލިޔެފައިވާ ލިޔުންތަކެއް ހުރި ކުޅޭ ބަޑިއެއް ވެސް ފުލުހުންނަށް ފެނިފައިވެ އެވެ.
ފާއިތުވި ހަފުތާގައި ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހަކީ އެ ސަރަހައްދުގެ ސްކޫލެއްގެ 17 އަހަރުގެ ދަރިވަރެއް ކަމަށެވެ. ޖަކާޓާގެ ފުލުހުންގެ ޗީފް އަސެޕް އެޑީ ސުހޭރީ މިއަދު އެ ދަރިވަރުގެ ނަން ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ އަށް އިޝާރާތް ކުރެއްވީ ކުށްވެރިއެއްގެ ގޮތުގައި ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކުރެވިފައިވާ ކުޑަކުއްޖެއްގެ ގޮތުގައެެވެ.
އިންޑޮނޭޝިއާގެ ފުލުހުންގެ އެންޓި-ޓެރަރ ޔުނިޓުގެ އޮފިޝަލެއް ކަމަށްވާ މައިންދުރާ އެކާ ވަރުދާނާ ވިދާޅުވީ، ތުހުމަތު ކުރެވޭ ފަރާތަކީ ބަދަލު ހިފުމުގެ ރޫހުގައި ހުރި އަދި އެކަނިވެރިކަމުގެ ސަބަބުން މިކަން ކުރި 'ލޯން ވުލްފް' އެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ތުހުމަތު ކުރެވޭ މީހާ އަށް ހިތްވަރު ލިބިފައިވަނީ ނިއޯ-ނާޒީ އަދި ވައިޓް ސުޕްރިމަސިސްޓް ފަރާތްތަކުން ދިން ހަމަލާތަކުން ކަމަށާއި، ގްރިސްލީގެ ލޭ އޮހޮރުވުންތަކަށް ތާއީދުކުރާ ސޯޝަލް މީޑިއާ ކޮމިއުނިޓީއަކާ އޭނާ ގުޅިފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވަކި ޚާއްސަ ޢަޤީދާއަކަށް ތަބާވާ ކަމަކަށް ނުވަތަ ހަނގުރާމަވެރި އެއްވެސް ޖަމާޢަތެއްގެ ބައިވެރިއެއް ކަމަކަށް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ފާހަގަކުރެއްވީ، 2019 ވަނަ އަހަރު ނިއުޒީލެންޑްގެ ކްރައިސްޓްޗާޗްގައި ހުންނަ މިސްކިތްތަކަށް ދިން ހަމަލާތަކާއި، 1999 ވަނަ އަހަރު އެމެރިކާގެ ކޮލަމްބައިން ހައި ސްކޫލްގައި ދިން ހަމަލާތައް ފަދަ ހާދިސާތަކުގެ ހަމަލާދިން ފަރާތްތަކުން މި ބޮންގޮއްވުމުގެ ހާދިސާ ހިންގި ކުއްޖާ އަށް އިލްހާމް ލިބިފައިވުން އެކަށީގެންވާ ކަމަށެވެ.
"އެކަމުގެ ސަބަބުން ތުހުމަތު ކުރެވޭ ފަރާތަށް ހިތްވަރު ލިބިފައިވޭ،" މައިންދުރާ ވިދާޅުވި އެވެ. "އޭނާގެ ޝަކުވާތައް ހިއްސާކުރާނެ ތަނެއް ނެތް ކަމަށް އޭނާ އަށް ހީވީ. އޭނާގެ އާއިލާ އާއި ސްކޫލްގައި ވެސް ޝަކުވާތައް ހިއްސާކުރާނެ ތަނެއް ނެތް." ބޮންގޮއްވުމުގެ ވަގުތުގައި ބޮލަށް އަނިޔާވި މި ތުހުމަތުކުރެވޭ މީހާ އަންނަނީ އޮޕަރޭޝަނެއް ކުރުމަށް ފަހު ރަނގަޅުވަމުންނެވެ.