ޚަބަރު
މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފެށޭނެ: ވަޒީރު ނާޡިމް
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް
މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް ބައިނަލްއަޤުވާމީ ފެންވަރުގެ ދިރާސާއެއް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަން، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.
މި ދިރާސާ، "މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭ" ގެ ނަމުގައި ކުރިއަށް ގެންދާނީ ޞިއްޙީ ވުޒާރާއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާ ގުޅިގެންނެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ސޮއިކުރެއްވިއިރު، ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.
ވަޒީރު ނާޡިމް ވިދާޅުވީ، ޤައުމުތަކުގެ އިޤުތިޞާދު ކުރިއަރުވައި، ސިޔާސަތުތައް އެކުލަވާލުމުގައި އަދާހަމަ ތަފާސްހިސާބު މުހިންމު ނަމަވެސް، ޞިއްޙީ ދާއިރާއިން މިފަދަ ފުރިހަމަ މަޢުލޫމާތުތަކެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މި ދިރާސާއަކީ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މުހިންމު ބިންގަލެއް ކަމަށް ވިދާޅުވިއެވެ.
"އަލަށް ހަދާ ދިރާސާއާއެކު ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ވަޒީރު ވިދާޅުވިއެވެ.
މި ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީގެ މައިގަނޑު ޞިއްޙީ ހާލަތާއި، ޞިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ. މި ދިރާސާގައި އާބާދީގެ ޞިއްހަތާއި، ދަރިމައިވުމުގެ ޞިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެއްކުރެވޭނެއެވެ. މި ދިރާސާ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 6,000 ގޭބިސީއަކަށް ޒިޔާރަތްކުރުމަށް ވަނީ ނިންމާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން އެންމެ ފަހުން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރުގައެވެ. އޭގެފަހުން މިފަދަ ދިރާސާއެއް ހަދާފައިނުވާތީ، ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަންވީ ކަންކަން ދެނެގަތުމުގައި މިހާރު ދަތިތަކެއް ދިމާވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަންނަ އަހަރުގެ ކުރީކޮޅު ފެށޭ މި ދިރާސާގެ މައިގަނޑު ބޭނުމަކީ ޞިއްޙީ ހާލަތު ދެނެގަނެ، ޞިއްޙީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.