ސައިންސް / ދުނިޔެ

2025 ވަނަ އަހަރުގެ އެންމެ ބާރުގަދަ ސޯލާ ފްލެއާގެ އަސަރު ދުނިޔެއަށް ކޮށްފި!

2025 ވަނަ އަހަރުގެ އެންމެ ބާރުގަދަ ސޯލާ ފްލެއާގެ އަސަރު ދުނިޔެއަށް ކޮށްފި!

ސޯލާ ފްލެއަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ނޮވެމްބަރު 2025، 04:59

12 ނޮވެމްބަރު 2025، 04:59

މިދިޔަ ހޯމަ ދުވަހު، 2025 ވަނަ އަހަރުގެ މިހާތަނަށް ދުނިޔެއަށް އަސަރުކުރި އެންމެ ބާރުގަދަ ސޮލާ ފްލެއާ ފޮނުވާލައިފިއެވެ. މި އެކްސް5.1-ކްލާސް ސޮލާ ފްލެއާ ދުނިޔެއާ ދިމާއަށް އައީ އިރުގެ ސަންސްޕޮޓް އޭއާރު4274 އިން، އިރުއޮއްސި 5:00 ޖަހާއިރު (ގްރީންވިޗް މީޓައިމް 10:00) އެވެ. މިއީ މި އަހަރު ރެކޯޑުކުރެވުނު އިރުގެ އެންމެ ބާރުގަދަ ހަކަތައިގެ ބޮޅު ކަމަށް ވެއެވެ.

މި ސޮލާ ފްލެއާގެ ސަބަބުން ވަގުތީ ގޮތުން ކަރަންޓު ކެނޑުން، މުވާސަލާތީ ނިޒާމުތަކަށް ބުރޫއެރުން، އަދި ސެޓެލައިޓްތަކަށް ހުރަސް އެޅިދާނެ ކަމަށް ސައިންސްވެރިން އިންޒާރު ދެއެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކަކީ ޔޫރަޕާއި އެފްރިކާއެވެ.

މާހިރުން ބުނާ ގޮތުގައި، މި  ގޮވުމުގެ ސަބަބުން ހައި-ފްރިކުއެންސީ ރޭޑިއޯ ސިގްނަލްތަކާއި، ޖީޕީއެސް ނެވިގޭޝަން، އަދި އެވިއޭޝަން ސިސްޓަމްތަކަށް ހުރަސް އެޅިދާނެއެވެ. މީގެ އިތުރުން އިންޓަނެޓް ނެޓްވޯކްތަކަށާއި ކަނޑުދަތުރުފަތުރުގެ މުވާސަލާތީ ނިޒާމުތަކަށް ވެސް އަސަރުކޮށްފާނެ ކަމަށް ލަފާކުރެވެއެވެ.

މި ސޮލާ ގޮވުމުގެ ސަބަބުން ޖީ4-ލެވެލްގެ ޖިއޯމެގްނެޓިކް ތޫފާނެއް އުފެދިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ އެންމެ ބާރުގަދަ ތޫފާނުތަކުގެ ތެރޭގައި ހިމެނޭ ތޫފާނެކެވެ. މިފަދަ ތޫފާނުތަކުގެ ސަބަބުން ވޮލްޓޭޖްގެ ބަދަލުތައް އައުމާއި، ސެޓެލައިޓްތަކަށް ހުރަސް އެޅުމާއި، ކަރަންޓު ގްރިޑްތަކަށް ބަދަލުއައުންފަދަ ކަންކަން ދިމާވެއެވެ.

ސްޕޭސް ސައިންސްވެރިޔާ ސްޓެފް ޔާޑްލީ މި ސޮލާ ފްލެއާއަކީ އާދަޔާ ޚިލާފު އަދި ވަރަށް ބާރުގަދަ ހާދިސާއެއް ކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އިރުގެ ދޯދިތައް (ސޮލާ ޕާޓިކަލްސް) ބިންމަތީގައި ހުންނަ ޑިޓެކްޓަރުތަކަށް ވެސް އެނގުންވެގެންދާ ވަރަށް ބާރުގަދަ ކަމަށެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، މި ފްލެއާ އާއެކު ކޮރޯނަލް މާސް އިޖެކްޝަންސް (ސީއެމްއީ) ވެސް އައިސްފައިވެއެވެ. މިއީ އިރުގެ މެގްނެޓިކް ފީލްޑްތަކާއި ސޮލާ މާއްދާތަކުގެ ބޮޑެތި ވިލާގަނޑުތަކެކެވެ. މި ވިލާގަނޑުތައް ގަޑިއަކު 4.4 މިލިއަން މޭލުގެ ބާރު މިނުގައި ދުނިޔެއާ ދިމާއަށް ދަތުރުކުރަމުންދެއެވެ. މި ސީއެމްއީތައް ދުނިޔެއަށް ސީދާ އަސަރުކޮށްފިނަމަ، ވަރަށް ގަދަ ޖިއޯމެގްނެޓިކް ތޫފާނުތައް އުފައްދައި ދުނިޔޭގެ މެގްނެޓިކް ފީލްޑަށް ވަގުތީ ގޮތުން ބަދަލުތައް އަތުވެދާނެއެވެ.

މި ތޫފާނުގެ ސަބަބުން، އަރޯރާ ބޮރެލިސް (ނޯދަން ލައިޓްސް) އާދަޔާ ޚިލާފަށް ދެކުނަށް ފެންނަން ފަށާފައިވެއެވެ. ނޮވެމްބަރު 12 ވަނަ ދުވަހު ޓެކްސަސް، އޮރެގަން، ނިއު މެކްސިކޯ، ޕެންސިލްވޭނިއާ، އަދި އައިއޮވާގެ ސަރަޙައްދުތަކުން މަންޒަރު ހިތްގައިމު މި އަލިތައް ފެނިފައިވެއެވެ.

ސޮލާ ފްލެއާ ދަރަޖަކުރެވެނީ ހަކަތައިގެ މިންވަރަށް ބަލައި ފަސް ބަޔަކަށެވެ: އޭ، ބީ، ސީ، އެމް، އަދި އެކްސް. އެކްސް-ކްލާސް ފްލެއާ ތަކަކީ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ފްލެއާ ތަކެވެ. މިފަދަ ފްލެއާ ތަކުގެ ސަބަބުން ސެޓެލައިޓް އޮޕަރޭޝަންތަކާއި، ފްލައިޓް މުވާސަލާތާއި، ކަރަންޓު ނިޒާމުތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވެދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން