ޚަބަރު
ނުރަސްމީ ޕޮޑްކާސްޓްގެ 3 ވަނަ ސީޒަން ބުރާސްފަތި ދުވަހު ފަށަނީ، ފުރަތަމަ އެޕިސޯޑްގައި މަޖިލިސް މެމްބަރު ބޮޗޭ!
ނުރަސްމީ ޕޮޑްކާސްޓް
އާދައިގެ ގޮތަކަށް ނޫން، ތަފާތު ގޮތަކަށް ދިރިއުޅުމުގެ ތަޖުރިބާތަކާއި މައުލޫމާތު ހިއްސާކުރާ 'ނުރަސްމީ' ޕޮޑްކާސްޓްގެ ތިންވަނަ ސީޒަން ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. ފަރުދުން މީޑިއާއިން ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރާ މި ވީޑިއޯ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް ބުރާސްފަތި ދުވަހުގެ ރޭ 9:30 ގައި ދައްކަން ފަށާނެއެވެ.
ނުރަސްމީ ޕޮޑްކާސްޓަކީ މީގެ ކުރިން ދެ ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފައިވާ މަގުބޫލު ޕޮޑްކާސްޓެކެވެ. ކުރީގެ ސީޒަންތަކުގައިވެސް ތަފާތު ދާއިރާތަކުގެ ގިނަ ފަރާތްތަކެއްގެ ތަފާތު ވާހަކަތަކާއި މައުލޫމާތުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވެއެވެ. މިފަހަރުގެ ތިންވަނަ ސީޒަންގައިވެސް ތަފާތު އެކި ދާއިރާތަކަށް ނިސްބަތްވާ، އެކި ފަންނުތަކުގެ ބޭފުޅުންގެ ދުލުން އެބޭފުޅުންގެ ދާއިރާއާއި އާންމު ދިރިއުޅުމާ ގުޅޭ ގިނަ މައުލޫމާތުތައް ހިއްސާކުރާނެއެވެ.
ތިންވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑްގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، މި އެޕިސޯޑްގައި ފެނިގެންދާނީ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބޮޗޭގެ ދުލުން ސިޔާސީ ދާއިރާއާއި ގުޅޭގޮތުން ހިއްސާކުރާ މައުލޫމާތުތަކުގެ ތެރޭގައި "ސިޔާސީ ދާއިރާއަކީ ކުރީގައި މާ ބޮޑު ޝައުގުވެރިކަމެއް ހުރި ދާއިރާއެއް ނޫން" ކަމަށް ބުނެފައިވާ ވާހަކަ ބެލުންތެރިންގެ ސަމާލުކަން ހޯދާނެކަމަށް ލަފާކުރެވެއެވެ.
ބެލުންތެރިން ޝައުގުވެރިވާނެފަދަ އަދި އެނގެން ބޭނުންވާނެފަދަ މަޖާ، އަދި އެހާމެ ގިނަ މައުލޫމާތު ލިބިގެންދާ މި ޕޮޑްކާސްޓަކީ ފަރުދުން މީޑިއާއިން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. އެކި ދާއިރާގެ ބޭފުޅުން ވަރަށް ނުރަސްމީކޮށް އެބޭފުޅުންގެ މަސައްކަތްތަކާއި ދިރިއުޅުމުގެ އެކި ތަޖުރިބާ ހިއްސާކުރާ މި ޕޮޑްކާސްޓުގެ 3 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑް މި ބުރާސްފަތި ދުވަހުގެ ރޭ 9:30 ގައި ފަރުދުންމީޑިއާގެ މީސް މީޑިއާ ޕްލެޓްފޯމްތަކުން ބަލާލެވޭނެއެވެ.