ޚަބަރު
ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރަން ރައީސް މުޢިއްޒު ކުރައްވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޖާބިރު
އަބްދުއްﷲ ޖާބިރު ފޮޓޯ: މަޖިލިސް
ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރަން ރައީސް މުޢިއްޒު ކުރައްވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ އަދި ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު ހާމަކުރެއްވީ ރާއްޖެ ބަނގުރޫޓުވުމުގެ ކުރިން ސަލާމަތްކޮށް، ގައުމު ކޮޅަށްޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ކުރައްވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮތް ކަމަށެވެ. ހިނގާލަން ނުކުމެވަޑައިގެން އުޅުއްވަނިކޮށް ނަގާފައިވާ ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ރައީސް މުޢިއްޒުގެ މުރާލިކަމާއި ހީވާގިކަމަށް ތައުރީފު ކުރައްވާފައެވެ.
ޖާބިރު ވިދާޅުވީ، ރައީސް މުޢިއްޒު ހުއްޓުމެއްނެތި ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، މިހާރު ކުރިއަށްދާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ދާނަމަ، ރާއްޖެއަށް ހާސިލްކުރަން ނިންމި ހުރިހާ ލަނޑުދަނޑިތަކެއް ކާމިޔާބު ކަމާއެކު ރައީސް މުޢިއްޒު ނިންމަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އެމަނިކްފާންގެ މުރާލިކަމާ ހީޥާގިކަމާ އަދި ހުއްޓެމެއްނެތި އެއްވާނެއްގަ ޖެއްސިޖެއްސީނުން މުޅި ރާއްޖޭގަ އެކުރާ މަސައްކަތް ވަރަށް ގާދުން ބަލަމުން އަޅުގަނޑުވެސް މިދަނީ. އަޅުގަނޑަށް ޔަގީން ނޫންތޯ މިދާ ސްޕީޑްގައި ދަންޔާމުން މިރާއްޖޭގައި އަޅުގަނޑުމެން ހާސިލް ކުރަން ނިންމި ހުރިހާ ލަނޑުދަނޑިތަކެއް ރައީސް ޑޮކްޓަރ މުޢިއްޒު ވަރަށް ކާމިޔާބު ކަމާއެއްކޮށް ކުރިއަށް ގެންގޮސް ނިންމާނެ،
ޖާބިރު
ޖާބިރު އިތުރަށް ވިދާޅުވީ، އެބޭފުޅާއަކީ ރާއްޖޭގެ ސިޔާސީ ކަންތައްތަކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހެއް ކަމަށާއި، މިހާރު ވިޔަފާރީގެ ކަންތައްތަކުގައި އުޅުއްވާއިރު ވެސް ރައީސް މުޢިއްޒުގެ މި މަސައްކަތުގައި ބައިވެރިވެ، އެހީތެރިވެދެއްވަން ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.
އަޅުގަނޑަކީ ރާއްޖޭގެ ސިޔާސީ ކަންތައްތަކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފަ ހުރި މީހެއް. މިހާރު އަޅުގަނޑު ވިޔަފާރީގެ ކަންތައްތަކުގަ މިއުޅެނީ. އަޅުގަނޑުވެސް ހަމަ ބައިވެރިވެގެން މަސައްކަތުގަ ބައިވެރިވާ ހިތްވޭ ވަރަށް ބޮޑަށްވެސް މިބޭފުޅުންނާއެކޮށް، މިވަގުތު އަޅުގަނޑު ހިނގާލަން ދަމުން މި ބައްދަލުވީ. އަޅުގަނޑަށް ޔަގީން މުޅި ރާއްޖޭގެ މި ތަރައްގީގެ މަސައްކަތްތައް އަދި ރާއްޖެ ބަނގުރޫޓުވާން ކައިރިވެފައި އޮއްވާ ނަގައި ކޮޅަށްޖަހަން ރައީސް ޑޮކްޓަރ މުޢިއްޒު އެ ކުރައްވާ މަސައްކަތަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުމާ ތާޢީދު އެބަ އޮތް. އަދި ޔަގީނުންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އަދި އެކަމުގައި އެއްބާރުލުން ދޭނަން ހަމަކަށަވަރުންވެސް، ޖާބިރު