ކުޅިވަރު
ރާއްޖެ އާއި ފަލަސްޠީނު ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން ފަށައިފި: ހުރިހާ ފައިސާއެއް ދޭނީ ފަލަސްޠީނު ޓީމަށް
ދެ އަގެއްގައި ސްވެނިއަރ ޓިކެޓު ވިއްކުމަށް ވަނީ ހަމަޖެހިފައި---
ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
އެގޮތުން މި ދެ ޓީމު ގަލޮޅު ދަނޑުގައި ބައްދަލުކުރާ ފުރަތަމަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެރެއެވެ. ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައި ވަނީ 08:30ގައެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އެ އިދާރާގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކޮށްގެންވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
މީގެއިތުރުން ގަލޮޅު ދަނޑުގެ އޮލިމްޕަސް ކުރިމަތީ ޓިކެޓް ކައުންޓަރުން މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00އަށް، އަދި މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް ޓިކެޓު ވިއްކުން ކުރިޔަށްދާނެއެވެ.
މި މެޗަށް ދެ އަގެއްގައި ސްވެނިއަރ ޓިކެޓު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1،000 ރުފިޔާއަށް އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެވެ. އަދި ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.
މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުނެއެވެ.
މި ދެ މެޗަށް ސްވެނިއަރ ޓިކެޓް ވިއްކި ނަމަވެސް ދެ މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ވަނީ ދިވެހި ސަރުކާރުންނެވެ.
މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު އެ ޓީމު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.