Ads by Stelco

ޚަބަރު

6 އަތޮޅެއްގައި ހައުސިންގ ޔުނިޓް އަޅަން އެޗްޑީސީ އިން ހުޅުވާލައިފި

6 އަތޮޅެއްގައި ހައުސިންގ ޔުނިޓް އަޅަން އެޗްޑީސީ އިން ހުޅުވާލައިފި

ނައިފަރުގައި ބިނާ ކޮށްފައިވާ ހައުސިންގ ޔުނިޓްތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2025، 11:30

13 ނޮވެމްބަރު 2025، 11:30

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ޝަޢުގުވެރިވާ ކުންފުނިތައް ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 6 އަތޮޅެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ހުޅުވާލައިފިއެވެ.

 މި މަޝްރޫޢުތައް ހިންގުމަށް ހުޅުވާލާފައިވަނީ ހދ، ށ، ލ، ރ، ޅ އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ. މި އަތޮޅުތަކުގެ ޖުމްލަ 10 ރަށެއްގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުތައް މި އިޢުލާނުގެ ދަށުން ހިމެނެއެވެ.

އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރުމަށް (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް) ހުޅުވާލާފައިވެއެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ފޯމުތައް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ.

ސަރުކާރުން ވަނީ މިހާތަނަށް އަތޮޅުތަކުގެ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް އިޢުލާނުކޮށްފައެވެ. މިއީ 12,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކެކެވެ. މީގެތެރެއިން ގިނަ ރަށްތަކަށް ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާތީ، މިހާރު ގެންދަނީ ކޮންޓްރެކްޓަރުންނާ މަސައްކަތްތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިމަހުގެ 6 ވަނަ ދުވަހު، ރާއްޖޭގެ 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދިވެހި ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، 13 ރަށެއްގައި ހައުސިންގ މަޝްރޫޢު ކުރިއަށްގެންދިއުމަށް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގައި 825 ހައުސިންގ ޔުނިޓް ތަރައްޤީކުރަން ހިމެނެއެވެ.

މި މަޝްރޫޢުގައި ދެން ހިމެނޭ ރަށްތަކަށްވެސް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތްތައް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މިހާރު އިޢުލާނުކޮށްފައިވާ 57 ރަށުގެ އިތުރަށްވެސް، އިތުރު ގިނަ ހައުސިންގ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށެވެ.

ސަރުކާރުން އިޖުތިމާޢީ ދާއިރާތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ބޯހިޔާވަހިކަމެވެ. މިއަހަރާއި އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައިވެސް ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން