ޚަބަރު
މައްސަލަ ހައްލުކޮށް ފުވައްމުލަގު ގޭގެއަށް ފެން ދޫކުރަން ފަށައިފި
ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީގެ ފެނުގެ ވިއުގައަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، އެ ސިޓީގެ ގޭގެއަށް ފެން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ވިދާޅުވީ މެންދުރާ ހަމައަށް ފުވައްމުލަކުގެ ހުރިހާ ހިސާބުތަކަށް ފެން ފޯރުކޮށްދެވޭނެކަމަށެވެ.
ފެން ދޫކުރަން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހެދި ތަޙުލީލުތަކުން ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން ކަށަވަރުކުރުމަށްފަހު ހުއްދަ ލިބިގެންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ފެން ދޫކުރުން ކުރިއަށްގެންދަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ވަކި ތާވަލަކުންކަމަށެވެ. ފެނުގެ ވިއުގައިގައި އިތުރު މައްސަލައެއް ނެތްކަމަށް ފާހަގަކުރެވުނު ގެތަކަށް މިހާރު ފެން ދޫކުރަން ފަށާފައިވާއިރު، މެންދުރާ ހަމައަށް ހުރިހާ ހިސާބަކަށް ފެން ދޫކޮށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފެނުގެ ވިއުގައިގައި ހުރި ފެންލީކްވުމުގެ ބޮޑެތި މައްސަލަތައް މިހާރު ހައްލުކޮށްފައިވާއިރު، ކުދި މައްސަލަތައް ފެން ދޫކުރުމަށްފަހުގައިވެސް ހައްލުކުރެވޭނެކަމަށް ނަޖާހު ވިދާޅުވިއެވެ.
ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ ހޯމަ ދުވަހުއެވެ. މި މުއްދަތުގެ ތެރޭގައި ރައްކާތެރި ބޯފެން ކަށަވަރުކުރުމަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނަޖާހު އިތުރަށް ވިދާޅުވީ ބައެއް ގެތަކަށް ފެނުގެ ކަނެކްޝަން ގުޅާފައި އޮތް ގޮތުގެ ސަބަބުންވެސް ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާކަމަށާއި، މިކަންކަން ގޭގެ ވެރިންނާ ގުޅިގެން ހައްލުކުރުމަށް ފެނަކައިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. ފެނަކައިން ވިދާޅުވީ ފުވައްމުލަކު ފެނުގެ ވިއުގައަށް ދިމާވި މައްސަލައަށް ޖުމްލަ ހައްލެއް މިއަދު ލިބި، އިތުރަށް ހުރި މައްސަލަތައްވެސް ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށެވެ.