Ads by Stelco

ޚަބަރު

ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް: ވަޒީރު މުއްޠަލިބް

ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް: ވަޒީރު މުއްޠަލިބް

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ މުއްޠަލިބް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2025، 01:38

13 ނޮވެމްބަރު 2025، 01:38

ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ 3000 ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ހައުސިންގ ޔުނިޓު އެޅުމަށް ސަރުކާރުގެ ފަރާތުން ބީއެމްއެލްއާ ބިން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކަމަށެވެ. ސަރުކާރުން އެ ބޭންކާ ބިން ހަވާލުކޮށްފައިވަނީ އިތުރު އެއްވެސް އަގެއް ނުހިމަނައި ކަމަށްވުމުން، އެ ބޭންކުން އަޅާ ހައުސިންގ ޔުނިޓުތަކަކީ މިހާރު ސަރުކާރުގެ އެކި ހައުސިންގ މަޝްރޫޢުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔައީ ލޯނު ނަގައިގެންނެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުގެ ސަބަބުން އެކަން އެގޮތަށް ކުރުމަށް އަދުގެ ސަރުކާރަށް ދަތިތަކާ ކުރިމަތިވެފައިވާކަން ޑރ. މުއްޠަލިބު ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްގު ކަށަވަރު ކުރުމަށް ސިޔާސަތުތައް ކަނޑައަޅައި، ކޮންމެ ޢާއިލާއަކަށްވެސް އަތްފޯރާ ފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަން ތަނަވަންސްކޮށްދޭން މިސަރުކާރުން މަސައްކަތް ކުރައްވާނެއެވެ.

 "ކުރީ ސަރުކާރުން ވަރަށް ބޮޑު އަދަދެއްގެ ދަރަނި ނަގާފައިވުމާއެކު ލޯނު ލިބުމުގައި ހުރިހާ ގޮތަކުންވެސް ދަތިކަމާވަނީ ކުރިމަތިވެފައި. އެހެންކަމުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްގު، އެ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފޯރުކޮށްދިނުން،" ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ ބީއެމްއެލްއިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 300 ހައުސިންގ ޔުނިޓާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި 2700 ހައުސިންގ ޔުނިޓު ގާއިމްކުރާނެ ކަމަށެވެ. މި ޔުނިޓުތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ އަދި ސަރުކާރުން އިއުލާން ކުރާ ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށާއި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ބީއެމްއެލްގެ މިހާރުގެ މެނޭޖްމަންޓުން އަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވާކަން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވިއެވެ. ކުރީގެ މެނޭޖްމަންޓުތަކުން ސަރުކާރުތަކަށް އެއްބާރުލުން ނުދޭ މިންވަރަށްވުރެ ބޮޑަށް މިހާރުގެ މެނޭޖްމަންޓުން އެއްބާރުލުން ދެއްވާކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން