ޚަބަރު
މަސްތުވާތަކެތީގެ ވިޔަފާރި ނުހުއްޓައިފިނަމަ އުޅެން ދަތިވާވަރު ކުރާނަން: ވަޒީރު އިޙުސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން.
ފަރުދުން
13 ނޮވެމްބަރު 2025، 03:29
13 ނޮވެމްބަރު 2025، 03:29
މަސްތުވާތަކެތީގެ ވިޔަފާރީގައި ޝާމިލުވާ ފަރާތްތަކުން އެ ކަން ހުއްޓާލައި، އެހެން ކަމަކައިގެން އުޅުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ. އަދި އެ ކަން ނުހުއްޓައިފިނަމަ، އެ މީހުންނާ މެދުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު މިހެން ވިދާޅުވީ، "އޮޕްރޭޝަން އަލިމަގު"ގެ ނަމުގައި ފުލުހުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިއަދު ފެށި ޚާއްޞަ ޑްރަގް އޮޕަރޭޝަނާ ގުޅޭ ގޮތުން ދެއްވި ބަސްދީގަތުމެއްގައެވެ.
[ޑްރަގް ވިޔަފާރީގައި އުޅޭ މީހުން] މިހައިތަނަށް ތިޔަ ކުރަމުން އައި ކަންތައްތައް ދެން ހުއްޓާލަން ޖެހޭ. މިއަދަށް ފަހު، މި ރާއްޖޭގައި މި ފުރުޞަތެއް ނުދޭނަން. ޑްރަގް ކަންތައްތަކުގައި އުޅޭ މީހުންނާ ދެކޮޅަށް ރާއްޖޭގައި އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން. އެހެންވީމަ އަޅުގަނޑުމެން އެދޭ އެދުމަކީ، މި ކަމުގައި އުޅޭ ކުދިން ވެސް މިއަދުން ފެށިގެން މި ކަން ހުއްޓާލާފައި އެހެން ކަމަކައިގެން އުޅުމަށް. ރާއްޖޭގައި އެ މީހުން އުޅެން އުދަނގޫވާ ވަރު ކުރާނަން މި މަސައްކަތުގައި އުޅޭ ކަމުގައިވާ ނަމަ. ރާއްޖޭގައި ދެން ޑްރަގް ވިޔަފާރިއެއް ނުކުރެވޭނެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން
ވަޒީރު އިޙުސާން އިތުރަށް ވިދާޅުވީ، ޑްރަގް މައްސަލަ ޙައްލު ކުރުމަށް ކެނޑިނޭޅި މި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ރައީސް މުޙައްމަދު މުޢިއްޒު ވެސް ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އަބަދު ވެސް ފުލުހުންނަށް ދެެއްވާ އިރުޝާދަކީ މިފަދަ ކަންކަމުގައި، ޚާއްޞަކޮށް ޑްރަގާ ގުޅޭ ކަންކަމުގައި، އެއްވެސް ލުޔެއް އަޅުގަނޑުމެން ނުދޭނަމޭ... މިއަދު މި ފެށި އޮޕަރޭޝަނަކީ ފެށުމެއް. މި ކަން އަޅުގަނޑުމެން ހުއްޓާލާނީ ރާއްޖޭގައި މިފަދަ ކަންކަން ކުރާ މީހުން އެކަން ހުއްޓާލައިގެން.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ޙައްދު ފަހަނަ އަޅާފައިވާ މައްސަލައެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި ގޮތުން، ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް، ހުރިހައި ޢާއިލާއަކުން ވެސް ކޮންމެވެސް އެއް މެންބަރަކު މަސްތުވާތަކެތީގެ އަނދަވަޅަށް ވެއްޓި، އެއިން ކޮންމެ ޢާއިލާއަކުން ވެސް އެ ކަމުގެ ވޭން ތަޙައްމަލުކުރަމުންދާ ކަމަށް ވަޒީރު އިޙުސާން ވިދާޅުވިއެވެ.
މިއަދުގެ މި އޮޕަރޭޝަނަކީ ރާއްޖޭގެ ތާރީޚުގައި މި ގޮތަށް މިހައި ވައިޑް ސްކޭލްގައި ހިންގާ އޮޕަރޭޝަން. އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކީ ރާއްޖޭގައި މަސްތުވާތަކެތީގެ އެކި ވަރުވަރުގައި އުޅޭ އެންމެންނާ ދޭތެރޭ ޤާނޫނުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުން.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން