ދުނިޔެ
ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ދެމީހަކަށް ބަޑިން ހަމަލާދީ މިސްކިތެއްގައި ރޯކޮށްލައިފި
އިސްރާއިލް ސިފައިން ހުޅަނގުއައްސޭރީގެ އަވަށަކަށް އަރައިގަނެ ހަރަކާތްތެރިވަނީ
ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ޢަސްކަރީ ބާރުތަކުން ފަލަސްޠީނުގެ ދެމީހަކަށް ބަޑީގެ ހަމަލާދީފިއެވެ.
ޖެނިންގެ ދެކުނުގައި އޮންނަ ޤަބާޠިޔާ އަވަށަށް އިސްރާއީލްގެ ސިފައިން ވަދެގަތުމުގެ ތެރޭގައި ދެ ފަލަސްތީނުގެ ރައްޔިތަކަށް ބަޑީގެ ހަމަލާދީ ޒަޚަމްކޮށްލާފައިވާއިރު، ރާމަﷲގެ އުތުރުގައި އޮންނަ ސިންޖަލް އަވަށުގެ ކައިރީގައި ހުންނަ އަލްތައްލް ސަރަޙައްދުން ޒުވާނަކަށް ވަނީ އިސްރާއިލްގެ ޔަހޫދީ ވަޒަންވެރިއެއް ބަޑީގެ ހަމަލާދީ ޒަޚަމްކޮށްލާފައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭ ޤަބާޠިޔާގައި އިސްރާއީލްގެ ސިފައިން ދިން ހަމަލާގައި ޒަޚަމްވި ދެމީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ޒުވާނަކު ހިމެނޭ ކަމަށާއި، މި ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ހާދިސާ ދެކުނު މީހުން ބުނާ ގޮތުގައި އިސްރާއީލްގެ ސިފައިން އަވަށަށް ވަދެ، މަގުތަކުގައި ފެތުރި، އަވަށުގެ ރައްޔިތުންނަށް އަމާޒުކޮށް ބަޑިޖަހާ ގޭސް ބޮން އުކާފައިވެއެވެ. ސިންޖަލް އަވަށުގެ ކައިރީގައި ހުންނަ އަލްތައްލް ސަރަޙައްދުގައި އިސްރާއިލްގެ ޔަހޫދީ ވަޒަންވެރިޔާގެ ބަޑީގެ ހަމަލާގައި ޒަޚަމްވި ޒުވާނާ ޒަޚަމްވީ، ޔަހޫދީންނެއް އަވަށަށް ހަމަލާދޭން މަސައްކަތްކުރުމުން، އެ އަވަށުގެ ރައްޔިތުން އެކަމާ ދެކޮޅު ހެދުމުގެ ތެރޭގައެވެ.
ސިންޖަލްގެ މުނިސިޕަލްޓީން ބުނެފައިވަނީ، އިސްރާއީލްގެ ޔަހޫދީ ވަޒަންވެެރިން ވަނީ އެ އަވަށަށް ހަތިޔާރު އެޅި ހަމަލާއެއް ދީފައި ކަމަށާއި، އެ އަވަށުގެ ރައްޔިތުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގާޑް ކޮމިޓީއާ ދިމާލަށް ބަޑިޖަހާފައި ކަމަށެވެ. މި ހަމަލާގައި އަވަށުގެ ރައްޔިތެއްގެ ފަޔަށް ވަނީ ބަޑީގެ ހަމަލާއެއް އަރައިފައެވެ.
މިއީ އެ ސަރަޙައްދުގައި ޔަހޫދީންގެ އާ ބަސްތިއެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލްގެ ސިފައިންގެ އެހީގައި ދެމުންދާ ހަމަލާތަކެއް ކަމަށް ސިންޖަލްގެ މުނިސިޕަލްޓީން ބުނެއެވެ.
މީގެ އިތުރުން، ހުޅަނގުއައްސޭރީގެ އުތުރުގައިވާ ސަލްފީތު ޕްރޮވިންސްގެ ދެއިރު އިސްތިޔާ އަވަށުގައި އިސްރާއީލްގެ ވަޒަންވެރިން ވަނީ މިސްކިތެއްގައި އަލިފާން ރޯކޮށް، ނަސްލީ ތަފާތުކުރުމުގެ ޝިޢާރުތައް ލިޔެފައިވާ ކަމަށް ފަލަސްތީނުގެ ވަޤުފް މިނިސްޓްރީން ބުނެއެވެ. ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ދެ އަހަރުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިން ވަނީ 7154 އަށް ވުރެ ގިނަ ހަމަލާ ދީފައި ކަމަށާއި، މި ހަމަލާތަކުގައި 33 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، 33 މުޖުތަމަޢެއްގެ މީހުން ހިޖުރަކުރަން މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުޅަނގުއައްސޭރީގައި މި ހަމަލާތައް އިތުރުވަމުންދަނީ، ޣައްޒާގައި ހަމަލާ ހުއްޓާލުމަށް އިސްރާއީލާއި ޙަމާސްއާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން އަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 69،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، 170،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.