Ads by Stelco

ޚަބަރު

ރައީސްގެ އަނބިކަނބަލުން "ހެލްތު އެކްސްޕޯ 2025" އިފްތިތާޙުކުރައްވައިފި

ރައީސްގެ އަނބިކަނބަލުން "ހެލްތު އެކްސްޕޯ 2025" އިފްތިތާޙުކުރައްވައިފި

ރައީސްގެ އަނބިކަނބަލުން "ހެލްތު އެކްސްޕޯ 2025" އިފްތިތާޙުކުރެއްވުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

13 ނޮވެމްބަރު 2025، 07:08

13 ނޮވެމްބަރު 2025، 07:08

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު "ހެލްތު އެކްސްޕޯ 2025" އިފްތިތާޙުކުރައްވައިފިއެވެ. އެ ކަމަނާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

"ހެލްތު އެކްސްޕޯ 2025" އަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ  މި ޚާއްޞަ ހަރަކާތުގެ ޝިއާރަކީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މިއެވެ. 

އެކްސްޕޯ އިފްތިތާޙުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ސްޓޯލްތައް ބައްލަވާލައްވާފައެވެ. 

ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯގެ ތެރެއިން ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެވިގެންދާނެއެވެ.

އެގޮތުން ޞިއްޙީ ދާއިރާގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތުތަކާއި، މި ދާއިރާއިން ތަޢުލީމު ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިން އާއި އެކިއެކި ބަލިބައްޔާގުޅޭ މަޢުލޫމާތުތަކާއި އިރުޝާދުތައް ދިނުމުގެ އިތުރުން، ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައް ކުރިއަށްދާނެކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.

މި އެކްސްޕޯގެ ތެރެއިން ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކެއް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނަށް ބާއްވާ ހަވީރުގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ޞިއްޙީ މައުލޫމާތު، ތަފާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެއިތުރުން ބިދޭސިންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތާއި ހެލްތު ސްކްރީނިންގ ކުރިއަށްދާނެކަމަށާއި، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ނަފްސާނީ ދުޅަހެޔޮ ކަމާގުޅޭ މަޢުލޫމާތާއި، ކެއުންބުއިމުގެ އާދަތަކާގުޅޭ މައުލޫމާތުވެސް ހިއްސާކުރެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.

މި އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އަތޮޅުތަކުގެ 5 ރީޖަނަލް ހޮސްޕިޓަލަކާއެކު 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން