ޚަބަރު
ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއް: ޞިއްޙީ ވަޒީރު
"ހެލްތު އެކްސްޕޯ 2025" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޞިއްޙީ ވުޒާރާ
ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަމުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެއްވަރަށް، ޞިއްޙީގޮތުން ބޭނުންވާ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ ކަމެއްކަމުގައެވެ.

ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަޒީރު ވިދާޅުވީ، ޕްރިވެންޓިވް ހެލްތު ކެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެކްސްޕޯގައި ޞިއްޙީ ދާއިރާއިން ޚިދުމަތްތައް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޕްރިވެންޓިވް ހެލްތު ކެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާކަމަށާއި، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރޭ މިންވަރު މަދުކުރުމަށްޓަކާ ޞިއްޙީގޮތުން ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މިހާތަނަށްވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް މާނަވީގޮތެއްގައި އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ވަސީލަތްތައް ތަރައްޤީކޮށްދެއްވުމުގެ އިތުރުން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަންފީޒީ އިދާރާތަކަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މާ ލަސްތަކެއްނުވެ ފެނިގެންދާނެކަން ވަޒީރު ވަނީ ފާހަގަކުރައްވަފައެވެ.