Ads by Stelco

ޚަބަރު

އިންނަމާދޫގައި އަލަށް ޤާއިމްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި

އިންނަމާދޫގައި އަލަށް ޤާއިމްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި

އިންނަމާދޫ ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވުން / ފޮޓޯ: ޕޮލިސް މީޑިއާ

farudhun logo

ފަރުދުން

13 ނޮވެމްބަރު 2025، 11:18

13 ނޮވެމްބަރު 2025، 11:18

ރ. އިންނަމާދޫގައި އަލަށް ޤާއިމްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފިއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާނެވެ. 

މިކަމަށްޓަކައި އިންނަމާދޫގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ ތާރީޚީ މަސައްކަތުގެ ނިމުން ވެސް ފާހަގަކޮށްފައެވެ. 

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމްކުރެވިގެން ދިޔައީ، މި އަހަރުގެ އޮކްޓޫބަރު މަހުގެ 21ވަނަ ދުވަހު ރ. ރަސްގެތީމުގައި ފެށިގެން ދިޔަ ފުލުހުންގެ ޚިދުމަތާއެކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، މި ކަމުގެ ސަބަބުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ބޮޑެތު ލުއިތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއް ވަނީ ލޯންޗުކޮށްފައެވެ.  މި ފޮތް ލޯންޗުކޮށްދެއްވީ ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި ވަނީ އިންނަމާދޫ ފުލުހުންގެ މަރުކަޒު ޤާއިމުކުރުމުގައި އެހީތެރިވި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ މުވައްޒަފުންގެ ތެރެއިން ޖުމްލަ 13 ފަރާތަކަށް ހަނދާނީ ލިޔުން އަރުވާފައެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ޤާއިމްކޮށްދެއްވުމަށް ވަޒީރު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަޒީރަށް ޚާއްސަ ޕްލާކެއްވެސް ފުލުހުންގެ ފަރާތުން އަރުވާފައިވެއެވެ.

އިންނަމާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަކީ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ މަރުކަޒު މިއަދު ހުޅުވިއިރު، އެ ތަނުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން