ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކުރީގައި އުޅުއްވަނީ ޓްރަމްޕް
ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރަން ފަށާފައިވާއިރު، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަމަށް ފޮކްސް ނޫހުން ރިޕޯޓުކޮށްފިއެވެ. ނަމަވެސް، އެމެރިކާގެ އެހެން ބޮޑެތި ނޫސްތަކުން މިހާތަނަށް ޓްރަމްޕަށް ކާމިޔާބީ ލިބިފައިވާކަން އިޢުލާނުކޮށްފައެއް ނުވެއެވެ.
ނޮވެންބަރު 5 ވަނަ ދުވަހު ބޭއްވުނު މި އިންތިޚާބުގައި ޓްރަމްޕާ އެންމެ ގާތުން ވާދަކުރައްވަމުން ގެންދަވަނީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު، ނައިބު ރައީސާ ކަމަލާ ހެރިސްއެވެ. އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު، ޓްރަމްޕަށް 67.3 މިލިއަން މީހުންގެ ވޯޓު ލިބިވަޑައިގެންފައިވާއިރު، ހެރިސްއަށް 62.1 މިލިއަން މީހުންގެ ވޯޓު ލިބިވަޑައިގެންފައިވެއެވެ.
އިންތިޚާބުގައި ކާމިޔާބީ ހޯދައި، ރައީސްކަމުގެ މަޤާމު ކަށަވަރުކުރެއްވުމަށް ކެންޑިޑޭޓަކު 270 އިލެކްޓޯރަލް ކޮލެޖުގެ ވޯޓު ކާމިޔާބުކުރައްވަން ޖެހެއެވެ. މި ވަގުތު ޓްރަމްޕަށް 266 އިލެކްޓޯރަލް ކޮލެޖުގެ ވޯޓު ލިބިވަޑައިގެންފައިވާއިރު، ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 188 އިލެކްޓޯރަލް ކޮލެޖުގެ ވޯޓެވެ.
ސްވިންގ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ އުތުރު ކެރޮލައިނާ އަދި ޖޯޖިޔާގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވާފައިވާ ކަމަށް އެޑިސަން ރީސަރޗުން ހާމަކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު، ގިނަ ސްޓޭޓްތަކަކުން 78 އަހަރުގެ ކުރީގެ ރައީސް ބޮޑު ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އިންތިޚާބަށް ފަހު އެޑިސަނުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ދައްކާގޮތުގައި، ހިސްޕޭނިކް ނުވަތަ ސްޕެއިން ދަރިކޮޅަށް ނިސްބަތްވާ އެމެރިކާ ރައްޔިތުންގެ ބޮޑު ތާއީދެއް ޓްރަމްޕަށް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، އެގްޒިޓް ޕޯލްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 31 ޕަސަންޓް މީހުން ބުނެފައިވަނީ އެމީހުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިޤްތިޞާދީ ހާލަތު ކަމަށެވެ.
ޓްރަމްޕަށް އިންތިޚާބުގައި ކާމިޔާބީ ލިބިފައިވާ ކަމަށް ބަލައި، ރިޕަބްލިކަން ޕާޓީގެ މެންބަރުން މިހާރުވެސް ދަނީ އުފާ ފާޅުކުރަމުންނެވެ. ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ޓްރަމްޕް، އޭނާއަށް ތާއީދުކުރާ މެންބަރުންނާ ބައްދަލުކުރައްވައި، މުޚާޠަބު ކުރައްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ ކެމްޕޭނުން ބުނެފައިވެއެވެ.
އެހެންނަމަވެސް، ހެރިސްއަށް އިންތިޚާބު ކާމިޔާބުކުރެވޭނެ ހަމައެކަނި ގޮތަކީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުން ކަމުގައި ކެމްޕޭންގެ ތެރެއިން އެތަކެއް ފަހަރަކު ޓްރަމްޕް ވިދާޅުވެފައިވެއެވެ. މިއީ، އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަންނަވައިފި ނަމަ، ދާޚިލީ ހަމަނުޖެހުމަކަށް ފުރުޞަތު އޮތް ކަމުގެ އިޝާރާތެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އިންތިޚާބުގައި ކަމަލާ ހެރިސް ކުރިއަރައިވަޑައިގަތުމަކީ ތާރީޚީ ކާމިޔާބީއަކަށް ވެގެންދާނެ ކަމެކެވެ. އެއީ އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށާއި، ކަޅު ނަސްލު އަދި ދެކުނު އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއަށް ވާތީއެވެ.
އަނެއްކޮޅުން، ޓްރަމްޕް ކާމިޔާބީ ހޯއްދަވައިފިނަމަ، އެއީވެސް ތާރީޚީ ކާމިޔާބީއަކަށް ވެގެންދާނެއެވެ. ސަބަބަކީ، ޓްރަމްޕަކީ ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވަނިކޮށް އިތުބާރު ނެތްކަމަށް ދެ ފަހަރެއްގެ މަތިން ފާސްކޮށްފައިވާ ފުރަތަމަ ރައީސް ކަމަށްވުމާއި، ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވާ ފުރަތަމަ ކުރީގެ ރައީސް ކަމަށްވާތީއެވެ.
މި އިންތިޚާބުގެ ނަތީޖާއަކީ އެމެރިކާގެ މުސްތަޤްބަލަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއްކަން ފާހަގަކުރެވެއެވެ. އެމެރިކާގެ ވޯޓުލާ މީހުންގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މީހުން ޤަބޫލުކުރާ ގޮތުގައި، ޤައުމުގެ ޑިމޮކްރަސީއަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. އެހެންކަމުން، މި އިންތިޚާބުގެ ނަތީޖާއަށް އެމެރިކާގެ ރައްޔިތުންނާއި ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ބަލަމުންދަނީ ވަރަށް ބޮޑު ޝައުޤުވެރިކަމާ އެކުގައެވެ.