ދުނިޔެ
ޔަމަނުގައި އަލުން ފެށުނު ހަނގުރާމައާއެކު 290،000 މީހުން ހާލުގައި ޖެހިއްޖެ، މާބަނޑު އަންހެނުންނަށް ބޮޑު ނުރައްކަލެއް: އދ.
ޙާލުގައި ޖެހިފައިވާ ޔަމަނުގެ އަަންހެނުންތަކެއް. ފޮޓޯ: އޭޕީ
މިދިޔަ އޯގަސްޓް މަހު ޔަމަނުގައި އަލުން ހަނގުރާމަ ވަރުގަދަވި ފަހުން މިހާތަނަށް މަދުވެގެން 290،000 މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެ ހާލުގައި ޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ މާބަނޑު އަންހެނުންނަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އދ. ގެ އިންސާނީ އެހީއާ ބެހޭ އޮފީސް (OCHA) އިން ބުނެފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުގެ ލަޝްކަރުތަކާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ޚާއްޞަކޮށް ތާއިޒް ޕްރޮވިންސާއި އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ވަނީ އިންތިހާއަށް ވަރުގަދަވެފައެވެ. އދ. ގެ ރިޕޯޓުގައިވާ ގޮތުން ޔަމަނުގައި ތިބި 65،000 ރެފިއުޖީންނާއި ހިމާޔަތް ހޯދަމުންދާ މީހުންގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އަދި އަސާސީ ޚިދުމަތްތައް މެދުކެނޑި، ކާބޯތަކެއްޗާއި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އަލަށް ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 6،100 މާބަނޑު އަންހެނުން ހިމެނޭއިރު، އޭގެ ތެރެއިން 600 އަންހެނުންނަކީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ވިހަން ތައްޔާރުވަމުންދާ މީހުންނެވެ.
މި ހާލަތާ ގުޅިގެން އދ. އިން ވަނީ މޮބައިލް މެޑިކަލް ޓީމުތަކާއި ވިހެއުމުގެ ޚިދުމަތްދޭ ފަރާތްތައް އެ ސަރަޙައްދުތަކަށް ފޮނުވާފައެވެ. އަދި އިންސާނީ އެހީދޭ ޖަމާއަތްތަކުން ވަނީ ހާލުގައި ޖެހިފައިވާ މީހުންގެ ހަތަރުބައިކުޅަ ތިންބައި މީހުންނަށް (ގާތްގަނޑަކަށް 249،000 މީހުންނަށް) ކާބޯތަކެއްޗާއި ސާފުތާހިރުކަމުގެ ސާމާނާއި އިމަޖެންސީ ފައިސާ ފޯރުކޮށްދީފައެވެ.
ހަނގުރާމަ ސަޢޫދީގެ ސަރަޙައްދަށް ފުޅާވުން
ޔަމަނުގެ އެތެރޭގައި ހަނގުރާމަ ވަރުގަދަވުމުގެ އިތުރުން، މި ހަމަނުޖެހުންތައް މިހާރު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ބޯޑަރު ހުރަސްކޮށް ފުޅާވާން ފަށާފައެވެ. ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހު ރިޔާޟް ސަރަޙައްދުގެ ވައިގެ ތެރެއިން ދުޝްމަނުންގެ ޑްރޯނެއް ވަނީ ހުއްޓުވައި ވައްޓާލާފައެވެ. ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލްމާލިކީ ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން އެ ސަރަޙައްދު ބަލައި ފާސްކުރަމުންދާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. މިއީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ރިޔާޟް މަތިން މިފަދަ ހަމަލާއެއް ހުއްޓުވި ދެވަނަ ފަހަރެވެ.
މީގެ އިތުރުން ހުކުރު ދުވަހު މައްކާ، މަދީނާ އަދި ރިޔާޟް ކައިރިން ޑްރޯންތަކެއް ވައްޓާލައި، ސަޢޫދީގެ ދެކުނަށް ފޮނުވި މިސައިލެއް ވެސް ދިފާއުކޮށްފައިވާ ކަމަށް ސަޢޫދީން ބުނެފައިވެއެވެ. ނަމަވެސް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވަނީ ސަޢޫދީގެ ސަރަޙައްދަށް ޑްރޯން ފޮނުވި ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައެވެ. ހޫޘީން މީގެ ކުރިން ބުނެފައިވަނީ އިސްލާމްދީނުގެ މާތް ދެ ހަރަމްފުޅަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށާއި، ހަމަލާތައް އަމާޒުކުރަނީ ސަޢޫދީގެ ވެރިރަށާއި ވައިގެ ބަނދަރުތަކާއި ތެލުގެ ވަސީލަތްތަކަށް ކަމަށެވެ.
އަދަން އާއި ތާއިޒްގައި ހިނގަމުންދާ ހަމަލާތައް
ޔަމަނުގެ ވަގުތީ ވެރިރަށް އަދަންގައި ހުންނަ ސަރުކާރުގެ ރިޔާސީ ގަނޑުވަރު މާޝިޤް އަށާއި އަދަން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ޔަމަން ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން މި ހަމަލާތައް ކުށްވެރިކޮށް ބުނެފައިވަނީ މިއީ ރައްޔިތުންގެ މަސްލަހަތަށާއި ގާނޫނީ މުއައްސަސާތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.
ޔަމަން ސަރުކާރުގެ ސިފައިންގެ ތަރުޖަމާނު މަޖީދު ޢަބްދުﷲ އައްނުޒައިލީ ވިދާޅުވީ ވޭތުވެދިޔަ ގަޑިއިރުތަކުގައި ހޫޘީންގެ 336 ހަނގުރާމަވެރިންނާއި ކޮމާންޑަރުން މަރާލައި ނުވަތަ ހަރަކާތްތެރި ނުވެވޭ ވަރު ކޮށްލާފައިވާ ކަމަށެވެ. އަދި ތާއިޒް، މާރިބް، އަލްޖައުފް އަދި އަލްބައިޟާ ފަދަ ސަރަޙައްދުތަކުގައި ހުރި ހޫޘީންގެ މަރުކަޒުތަކަށް ވައިގެ މަގުންނާއި ބޮޑުބަޑިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަނުޖެހުންތަކުގައި އާންމުންނަށް ލިބެމުންދާ ގެއްލުންތައް ދަނީ އިތުރުވަމުންނެވެ. އދ. އިން ކަށަވަރުކޮށްފައިވާ ގޮތުގައި އޯގަސްޓް މަހުން ފެށިގެން މިހާތަނަށް އާންމުންގެ 270 މީހުންނަށް އަނިޔާވެ ނުވަތަ މަރުވެފައިވާއިރު، އޭގެ ތެރޭގައި މަރުވި 68 މީހުން ހިމެނެއެވެ. މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ރިޕޯޓްކުރާ ގޮތުގައި މަގުތައް ބަންދުވުމުގެ ސަބަބުން ދެ މިލިއަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި ފެން ލިބުން ވަނީ ދަތިވެފައެވެ.