ދުނިޔެ

ހަމަލާއެއް ދީފިނަމަ ވަކި ހިސާބެއް ބެލުމެއް ނެތި ބަދަލުހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ހަމަލާއެއް ދީފިނަމަ ވަކި ހިސާބެއް ބެލުމެއް ނެތި ބަދަލުހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އިރާނުގެ މަގެއް. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ނޮވެމްބަރު 2026، 09:56

01 ނޮވެމްބަރު 2026، 09:56

އީރާނާއި އެމެރިކާއާ ދެމެދު އާ ހަނގުރާމައެއް ފެށުނަ ނުދިނުމަށް މެދުވެރިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އަލުން ހަމަލާއެއް ދީފިނަމަ އެއްވެސް ޖިއޮގްރަފިކް އިމެއް ނެތި ވަގުތުން ވަރުގަދަ ރައްދެއް ދިނުމަށް ތައްޔާރުވެ ތިބުމަށް އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ އެ ގައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވައިފިއެވެ.

 މި އަމުރު ނެރުއްވާފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށް އާ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ސުޕްރީމް ލީޑަރުގެ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސް އަސްކަރީ ކޮމާންޑަރުންނާ ބައްދަލުކުރައްވައި ޚާމަނާއީ ވަނީ "މުހިންމު ސްޓްރެޓީޖިކް އިރުޝާދުތަކެއް" ދެއްވާފައެވެ. އަދި ގައުމަށް އަނެއްކާވެސް ހަމަލާއެއް އަތުވެއްޖެނަމަ އެންމެ މަތީ ދަރަޖައިގެ ދިފާއީ ބާރާއެކު ވަގުތުން ރައްދެއް ދިނުމަށް އޭނާ އެންގެވިއެވެ. މިއީ މާޗު މަހު އަވަހާރަކޮށްލެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ މަގާމާ މުޖުތަބާ ހަވާލުވެވަޑައިގެންނެވި ފަހުން އޭނާގެ ޚަބަރެއް ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ.

މި އިންޒާރު އައިސްފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުހުސިން ރިޒާއީއަށް ސިޓީއެއް ފޮނުއްވި ކަމަށް ބުނާ ދުވަސްވަރެއްގައެވެ. އެ ސިޓީގައި ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ބެލުމުގެ ހުއްދަ ދިނުމާއި، މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ މައްސަލައިގައި ވައުދުތަކެއް ވުމަށް އެދިފައިވާ ކަމަށް ވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސުލްހައިގެ ވާހަކަތަކެއް ފެށުމަށް އަމުރުކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، އެ ސިޓީއަކީ ބޭސްފަރުވާގެ ސާމާނު އެތެރެކުރުމާ ގުޅޭ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

އަނެއްކޮޅުން، ގަތަރުގެ އިސް ޑިޕްލޮމެޓުން ވަނީ ހުކުރު ދުވަހު ތެހެރާނުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވާފައެވެ. މަޝްވަރާތަކުގައި އީރާނުން ހުށަހަޅަނީ އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ކަނޑުމަގުގެ ހުރަސްތައް ނައްތާލުމަށާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށެވެ. އަދި އިސްރާއީލުން ލުބުނާނުގެ ދެކުނު ހިސާބުތަކުގައި ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމަށް ޝަރުތުކޮށް، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ދަނީ ބާރުއަޅަމުންނެވެ.

ހޮރުމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ހުކުރު ދުވަހު ކަނޑުއޮޅި ކައިރިން ތެޔޮ ޓޭންކަރަކަށް ގޮއްވާލުމުގެ ހަމަލާއެއް ދީފައިވާ ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު އީރާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ގޭޝްމް ކައިރިން މަސްދޯނިތަކަކަށް އެމެރިކާގެ ޑްރޯން ހަމަލާއެއް އަރައި، ބައެއް މަސްވެރިން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450