ދުނިޔެ
ހުޅަނގު އައްސޭރީގެ އަވަށްތަކަށް އިސްރާއީލުން ވަދެގަނެ، 9 މީހަކު ހައްޔަރުކޮށްފި
ހުޅަނގު އައްސޭރީގެ ސަރަހައްދެއް--
އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުތަކުން ކުއްލި ގޮތަކަށް ވަދެގަނެ، 9 މީހަކު ހައްޔަރުކޮށްފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ މި ޙަމަލާތަކާއި ރެއިޑްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަޙައްދުތަކަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މައިގަނޑު ގޮތެއްގައި ނާބްލުސް އަދި ޖެނީންގެ އިތުރުން ޠޫބާސް އަދި ޤަލްޤީލިޔާގެ އަވަށްތަކުގައެވެ. ޖެނީން ގަވަރުނަރޭޓުގައި ހިމެނޭ ސަނޫރު އަދި ޒަބާބްދާ އަވަށުގެ އިތުރުން އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެގަނެފައިވާއިރު، ނާބްލުސްގެ އިރުމަތީ ފަރާތަށާއި ދެކުނުގެ އެކި އަވަށްތަކަށް ވެސް ވަނީ ވަދެގަނެފައެވެ.
ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕުތަކާއި ސިޓީތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޔަހޫދީން މިފަދަ ކުއްލި ޙަމަލާތައް ދެމުންގެންދެއެވެ.
ޔަހޫދީން ބުނާ ގޮތުގައި މި ޢަމަލުތަކަކީ އެ ސަރަޙައްދުގައި ހަމަނުޖެހުން ބޮޑުވުން ހުއްޓުވުމަށް ހިންގާ ކަންކަމެވެ. ނަމަވެސް އެ ސަރަޙައްދުގައި އެފަދަ އެއްވެސް ހަމަނުޖެހުމެއް ހިނގަމުން ނުދާއިރު، މި ޢަމަލުތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ.