ދުނިޔެ
ހޫޘީން ފޮނުވާލި އިތުރު ޑްރޯނެއް ސައުދީން ވައްޓާލައިފި
ބެލިސްޓިކް މިސައިލްތައް ވައްޓާލުމުން އުފެދުނު ބައިތައް އޮފިޝަލުން ބަލައި ފާސްކުރަނީ--
ޔަމަނުގެ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ހުއްޓުވައި، އެ ވައްޓާލާފައިވާ ކަމަށް، ޔަމަނުގައި ހަނގުރާމަކުރަމުންދާ ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ހާމަކޮށްފިއެވެ.
މީގެ އިތުރުން ސައުދީގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި އެހެން ޑްރޯނެއް ވެސް ފަހުން ނައްތާލާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާގެ އިގްތިސާދީ މައި އިންޖީނު ކަމުގައި ބެލެވޭ އިރުމަތީ ސަރަހައްދަށް، ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ހޫޘީންގެ ހަމަލާތައް ވަނީ ވަރަށް ގިނައިން އަމާޒުކޮށްފައެވެ. އެ ގައުމުގެ ތެލާއި ގޭހުގެ ބޮޑު ރިޒާވެއް ހިމެނޭ މި ސަރަހައްދަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސައުދީ އަރާމްކޯގެ މައި މަރުކަޒު ވެސް ގާއިމުކޮށްފައިވާ ތަނެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅު ވެސް އެ ސަރަހައްދަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ އިސްވެ އޮންނަ ކޯލިޝަނާއި، ވެރިރަށް ސަންއާ ކޮންޓްރޯލް ކުރާ ހޫޘީންނާ ދެމެދު ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ކުރިމަތިލުންތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. މި ހަމަނުޖެހުންތައް މިހާރު ގޮސް ގުޅިފައި ވަނީ އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އުފެދިފައިވާ ސަރަހައްދީ ނުތަނަވަސްކަމާއެވެ.
ހުކުރު ދުވަހު ވެސް މުސްލިމުންގެ މުގައްދަސް ބިމެއް ކަމަށްވާ މަދީނާއަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯނެއް ވައްޓާލި ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް، ހޫޘީން ވަނީ އެ ދުވަހު އެއްވެސް ހަމަލާއެއް ނުދޭ ކަމަށް ބުނެފައެވެ. ކޮންމެ އަހަރަކު އެތައް މިލިއަން މުސްލިމުންނެއް ޒިޔާރަތްކުރާ މަދީނާ އަދި މައްކާއަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ސައުދީން ކުރާ ތުހުމަތުތައް އެ ޖަމާއަތުން އަބަދުވެސް ދޮގުކުރެއެވެ.