ދުނިޔެ

ކަޅުކަނޑުގައި އުޅަނދުފަހަރަށް ދޭ ހަމަލާތައް ހުއްޓާލުމަށް ތުރުކީގެ ރައީސް އެދިވަޑައިގެންފި

ކަޅުކަނޑުގައި އުޅަނދުފަހަރަށް ދޭ ހަމަލާތައް ހުއްޓާލުމަށް ތުރުކީގެ ރައީސް އެދިވަޑައިގެންފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ޒެލެންސްކީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ނޮވެމްބަރު 2026، 12:56

01 ނޮވެމްބަރު 2026، 12:56

ކަޅުކަނޑުގައި (ބްލެކް ސީ) ދަތުރުކުރާ އާންމު އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާދިނުން ހުއްޓާލުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަޝިޔާއަށާއި ޔޫކްރެއިނަށް ގޮވާލައްވައިފިއެވެ.

މި ގޮވާލެއްވުން އައީ ކަޅުކަނޑުގެ މަގުން ގޮވާން ބޭރުކުރެވޭނެ އާ ކޮރިޑޯއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް އުރުދުޣާނާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެއްބަސްވެވަޑައިގެންނެވި ބައްދަލުވުމުގައެވެ.

އިސްތަންބޫލުގައި ޒެލެންސްކީއާއެކު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ކޮންމެ ބަޔަކު ދިން ކަމުގައި ވިޔަސް އާންމު އުޅަނދުތަކަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން މަސްރަޙު އިތުރަށް ގޯސްވެގެންދިއުން ފިޔަވައި އެއްވެސް ބަޔަކަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި، މި މައްސަލައިގައި ހުރިހާ ފަރާތްތަކަކުން ވެސް ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ކަޅުކަނޑުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓުވުމަށް ތުރުކީން ހުށަހެޅުމެއް ފޮނުވި ނަމަވެސް، އެއްވެސް ފަރާތަކުން އަދި އެއަށް ޢަމަލުކޮށްފައެއް ނުވެއެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ޒެލެންސްކީ ވިދާޅުވީ، ކަޅުކަނޑުގެ ސަލާމަތީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެވުނު ކަމަށާއި، ގޮވާން ބޭރުކުރާ ކޮރިޑޯގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. ކަޅުކަނޑުގައި އަމާންކަމާއެކު ކަނޑުދަތުރުފަތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތުރުކީން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން އުރުދުޣާން ވެސް ވިދާޅުވީ، މިކަމުގައި އެއްބަސްވުމަކަށް އާދެވިއްޖެނަމަ ޔޫކްރެއިންގައި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް އާ ބާރެއް ލިބިގެންދާނެ ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަޅުކަނޑުގައި ޙަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައުމަށް ބައިނަލްއަޤްވާމީ ޝައުޤުވެރިކަން އިތުރުވަމުންދާކަން ހާމަކުރައްވާފައެވެ.

ސުލްޙައިގެ ވާހަކަތައް ތުރުކީގައި ބޭއްވުމުގެ ފުރުޞަތު
ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ކުރެވޭ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވަމުން އުރުދުޣާން ވިދާޅުވީ، އިންޞާފުވެރި ޞުލްޙައެއްގައި ބަލިވާނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށެވެ. އަދި ޞުލްޙައަށް މަގުފަހިކުރުމަށްޓަކައި ވެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ތުރުކީ ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފޯނުން ދެއްކެވި ވާހަކަފުޅުގައި ވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އުރުދުޣާން ވަނީ ދެއްވާފައެވެ.

ރަޝިޔާ، ޔޫކްރެއިން އަދި އެމެރިކާ ބައިވެރިވާ ޞުލްޙައިގެ މަޝްވަރާތައް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ނޮވެމްބަރު މަހު އަލުން ފެށުމަށް ރޭވިފައިވާ ކަމަށް ކްރެމްލިންއިން ބުނެފައިވާއިރު، އެ ބައްދަލުވުންތަކުގެ އިތުރުން ތުރުކީއާއި ޔޫރަޕް ހިމެނޭ ގޮތަށް ތުރުކީގައި ބައްދަލުވުމެއް ބޭއްވުމުގެ ފުރުޞަތުތަކާ މެދު ވެސް މަޝްވަރާކުރެވުނު ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ޒެލެންސްކީ އިތުރަށް ވިދާޅުވީ ޞުލްޙަ ޤާއިމުކުރުމަށްޓަކައި ވަރުގަދަ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށާއި، ޞުލްޙަ ނޫން އެހެން މަގެއް ނެތްކަން ރަޝިޔާއަށް އަންގައިދޭން ޖެހޭ ކަމަށެވެ

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450