ކުޅިވަރު
އެޓޯލް ޗެމްޕިއަންޝިޕް: ޅ އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫއިން ހޯދައިފި
ޅ އަތޮޅުގެ ޗެމްޕިއަން ކުރެންދޫ / ފޮޓޯ: އެފްއޭއެމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކުރާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ޅ އަތޮޅުގެ ޗެމްޕިއަންކަން ކުރެންދޫއިން ހޯދައިފިއެވެ.
ކުރެންދޫއިން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 6-3ގެ އެގްރިގޭޓު ސްކޯރއަކުން ނައިފަރު ބަލިކުރުމަށްފަހުއެވެ.
ޅ އަތޮޅުން މުބާރާތުގައި ވާދަކޮށްފައި ވަނީ މި ދެ ޓީމުކަމުން، ޗެމްޕިއަނުން ކަނޑައެޅީ ހޯމް އެންޑް އަވޭ އުސޫލުން 2 މެޗު ކުޅުމަށްފަހުއެވެ.
އެގޮތުން ފުރަތަމަ ލެގު މި މަހުގެ 11ވަނަ ދުވަހު ކުޅުނީ ކުރެންދޫގައެވެ. އެ މެޗު 3-1އިން ކާމިޔާބުކުރީ ކުރެންދޫއެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ ނައިފަރުންނެވެ. އެއީ މެޗުގެ 9ވަނަ މިނެޓުގައި ޢަބްދުالله ރަމީޒް ކާމިޔާބުކުރި ގޯލުންނެވެ.
ކުރެންދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 17ވަނަ މިނެޓުގައި މުޙައްމަދު ރިޔާޙު ޢަލީ ކާމިޔާބުކުރި ގޯލުންނެވެ. އަދި އެ ޓީމަށް ލީޑު ލިބުނީ، 51ވަނަ މިނެޓުގައި ނައިފަރުގެ މުޙައްމަދު އަޒުހާން އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
އެ މެޗުގައި ކުރެންދޫގެ ތިންވަނަ ގޯލު ކާމިޔާބުކުރީ މެޗު ނިމެން 9 މިނެޓަށްވެފައި ވަނިކޮށް އިޔާޒް އިލްޔާސްއެވެ.
ދެވަނަ ލެގު ބުރާސްފަތި ދުވަހު ނައިފަރުގައި ކުޅުނުއިރު، އެ މެޗު ވެސް ކާމިޔާބުކުރީ ކުރެންދޫއިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ކުރެންދޫ ކާމިޔާބުކުރީ 3-2އިންނެވެ.
މި މެޗުގައި ވެސް ފުރަތަމަ ލީޑު ނެގީ ނައިފަރުން، 29ވަނަ މިނެޓުގައި އިމްރާމް މުޙައްމަދު ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ 8 މިނެޓުފަހުން މުޙައްމަދު ނަދީމްގެ ގޯލަކުން ނައިފަރުން ލީޑު ފުޅާކުރިއެވެ.
ނަމަވެސް ހާފު ނިމުމުގެ ކުރިން އިޔާޒް އިލްޔާސް ވަނީ ކުރެންދޫގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ފަހު ދެ ގޯލު މެޗުގެ 55ވަނަ މިނެޓާއި 60ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާލިމް ޢަބްދުالله އާއި އައިމަން އިލްޔާސްއެވެ.
ގްރޭޓާ މާލޭ ރީޖަން ފިޔަވައި ކޮންމެ ރީޖަންއެއްގައި ސަބް ދެ ޒޯނު ހިމެނޭއިރު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަނުންނާއި ރަނަރަޕް ބައްދަލުކުރާނީ އެ ލީގުގައެވެ. އެގޮތުން ޅ އަތޮޅުން ކުރެންދޫއާއެކު ނައިފަރު ވެސް ވަނީ ޒޯން 2ގެ ލީގު ބުރަށް ކޮލިފައިވެފައެވެ.
އަދި ކޮންމެ ޒޯނަކުން ވެސް ގަދަ ދެ ޓީމު ދެން ކޮލިފައިވާނީ ރީޖަނަލް ލީގަށެވެ. ރީޖަނަލް ލީގުގައި ހަތަރު ޓީމު ވާދަކުރުމަށްފަހު އެ ލީގުގެ ޗެމްޕިއަން ޓީމު ދެން ވާދަކުރަން ޖެހޭނީ ދިވެހި ލީގުގެ ޕްލޭއޮފްގައެވެ.
ޕްރިމިއާރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯރތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ދިވެހި ލީގަށް ކޮލިފައިވާނެއެވެ.