ދުނިޔެ

އިންޑޮނޭޝިއާގެ ޖާވާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ދެ މީހުން މަރުވެ، 21 މީހުން ގެއްލިއްޖެ

އިންޑޮނޭޝިއާގެ ޖާވާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ދެ މީހުން މަރުވެ، 21 މީހުން ގެއްލިއްޖެ

ޖާވާގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ނޮވެމްބަރު 2025، 05:21

14 ނޮވެމްބަރު 2025، 05:21

އިންޑޮނޭޝިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި މަދުވެގެން ދެ މީހުން މަރުވެ، 21 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ. 

މި ހާދިސާ ހިނގާފައިވަނީ މެދު ޖާވާގެ ސިލަސަޕް ޑިސްޓްރިކްޓްގެ ތިން އަވަށެއްގައެވެ.

އިންޑިނޭޝިޔާގެ އޮފިޝަލުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ގޭބިސީއަކަށް ވަނީ ގެއްލުންވެފައެވެ. 

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ވިދާޅުވީ، "ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް، ގުޅިފައިވާ ޓީމުން ވަނީ 23 މީހުން ސަލާމަތްކޮށްފައެވެ. ދެ މީހުން މަރުވެފައިވާ އިރު، އަދިވެސް 21 މީހުން ގެއްލިގެން ހޯދަމުންދާނެ" ކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މުހާރީ ވިދާޅުވިއެވެ. ނަމަވެސް، ސަރަހައްދުގެ ބިންގަނޑު ހަރުނުވާތީ ސަލާމަތީ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބަރު ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނޭޝަނަލް ސަރޗް އެންޑް ރެސްކިއު އެޖެންސީން އާންމުކުރި ފުޓޭޖްތަކުން ފެންނަ ގޮތުގައި، ސަލާމަތީ މަސައްކަތްތެރިން ދަނީ ގޭބިސީތަކުގެ ފަސްގަނޑުދަށުން ގެއްލިފައިވާ މީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ބަރު ހަތިޔާރާއި، އެކްސްޓްރެކްޝަން އާލާތްތަކާއި، އަތުން ބޭނުންކުރާ އާލާތްތައް ބޭނުންކުރަމުންދާ ކަމަށްވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މޫސުމާ ބެހޭ ގައުމީ އިދާރާ (މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ، އެންޑް ޖިއޯފިޒިކްސް އެޖެންސީ) އިން މި ހަފްތާގެ ކުރީކޮޅު ނެރުނު ނުރައްކަލުގެ އިންޒާރަކަށް ފަހުގައެވެ. އެ އެޖެންސީން ވަނީ ހައިޑްރޯމީޓިއޮރޮލޮޖިކަލް ކާރިސާތަކަށް ވިސްނައި، އަންނަ ހަފްތާތަކުގައި އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

އިންޑޮނޭޝިއާގައި އޮކްޓޯބަރު މަހުން މާޗް މަހާ ދެމެދު އަންނަ އަހަރީ މޫސުމީ ވިއްސާރައިގައި ގިނައިން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައެވެ. މީގެ ކުރިން ނޮވެމްބަރު މަހުގެ ކުރީކޮޅު ޕަޕުއާ ސަރަހައްދުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 15 މީހުން މަރުވެ، 8 މީހުން ގެއްލިފައިވެއެވެ. އަދި ޖެނުއަރީ މަހު މެދު ޖާވާ ޕްރޮވިންސްގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައި ފެންގަނޑާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 20 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން