Ads by Stelco

ޚަބަރު

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް އަމާޒުކޮށް އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ 3 ވަނަ ފިޔަވަހި ހުޅުވާލައިފި

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް އަމާޒުކޮށް އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ 3 ވަނަ ފިޔަވަހި ހުޅުވާލައިފި

ދިވެހި މަސްދޯންޏެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ނޮވެމްބަރު 2025، 07:26

14 ނޮވެމްބަރު 2025، 07:26

މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) ގާއިމުކުރުމަށް އަމާޒުކޮށްފައިވާ އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ ތިންވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

މި ފިޔަވަހީގެ ދަށުން 200 މަސްދޯންޏަށް މި ނިޒާމު ގާއިމުކުރުމަށް ފައިނޭންސް ދިނުމަށް ވަނީ އަމާޒުކޮށްފައެވެ. މި ސްކީމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.

އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ މި ފައިނޭންސިންގ ސްކީމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވިކަމާއެކު ކުރިއަށް ގެންދިޔުމަށް އެހީތެރިވުމެވެ. އާރު.އެސް.ޑަބްލިޔު ނިޒާމުގެ އިތުރުން، ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓް ފަދަ ޒަމާނީ ވަސީލަތްތައް ލުއި ފަސޭހަ ގޮތެއްގައި ފައިނޭންސްކޮށްދިނުމަށް ވެސް މި ސްކީމް ވަނީ އަމާޒުކޮށްފައެވެ. މިއީ މިހާރު މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމްކުރެވޭ ވަސީލަތްތައް ޒަމާނީކުރުމަށް ލިބިގެންވާ ރަނގަޅު ފުރުސަތެކެވެ.

މި ސްކީމް ފަރުމާކުރެވިފައިވަނީ ޕްރޮޖެކްޓް ފައިނޭންސިންގގެ ގޮތުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ދޭ އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގ އާއި، އެލްއެލްއެފް އިން ދޭ ހިލޭ އެހީ ހިމެނޭ ގޮތަށެވެ. ޚާއްޞަ ގޮތެއްގައި، އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލް ކުރުމަށް ފައިނޭންސިންގ ލިބޭ ފަރާތްތަކަށް، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ލިބޭނެއެވެ. މި އަދަދު އަނބުރާ ދައްކަންޖެހޭ އަދަދުން އުނިކުރެވޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރެއެވެ.

ފައިނޭންސިންގގެ މުހިންމު މައުލޫމާތު
މި ފިޔަވަހީގެ ދަށުން ލިބޭ ފައިނޭންސިންގގެ މައުލޫމާތުތަކުގެ ތެރޭގައި، 2,000,000 ރުފިޔާއާއި ހަމައަށް ފައިނޭންސް ލިބުން ހިމެނެއެވެ. ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރުގެ މުއްދަތެއް ލިބޭއިރު، ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ލިބެއެވެ. ފާއިދާ ހިސާބުކުރާނީ އަހަރަކަށް %6 ރޭޓްގައި ކަމަށްވާއިރު، މި ސްކީމަށް ރަހުނެއް ބޭނުމެއް ނުވާނެއެވެ. އަދި އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ.

މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ހުޅުވާލާފައިވާ މިސްކީމުގެ ތެރެއިން، ލޮނުފެނުން މަސްފިނިކުރާ ނިޒާމު ދޯނިފަހަރުގައި ދަނީ ގާއިމު ކުރެވެމުން. ގިނަ އޮޑިދޯނިފަހަރުގައި މި ނިޒާމު ޤާއިމުކުރެވެމުންދާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެއް އަދި މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރަން. މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދެވި، އައިސް ހޯދުމަށް ހިނގަމުންދިޔަ ހަރަދު ކުޑަކުރެވިގެންދާނެ. އަދި ތިންވަނަ ފިޔަވަހި ހުޅުވާލުމާއެކު، އިތުރު މަސްވެރިންނާއި އޮޑިވެރިންނަށް މި ލުއިފަސޭހަ ފުރުސަތުގެ ބޭނުން ހިފުމަށް މަގު ތަނަވަސްވެގެންދާނެ

މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.

 އޭނާ އިތުރަށް ވިދާޅުވީ، މިސްކީމްގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާއަތަކީ އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި ދެމެހެއްޓެނި ގޮތުގައި ކުރެވޭނޭ މަސައްކަތެއް ކަމުގައި ހެދޭނެ ކަމަށެވެ.

ފުރަތަމަ ދެ ފިޔަވަހީގެ ކުރިއެރުން
މި ސްކީމްގެ ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތްތަކަށް ނަޒަރު ހިންގާލާއިރު، ފުރަތަމަ ފިޔަވަހި 2024 ވަނަ އަހަރު އަދި ދެވަނަ ފިޔަވަހި 2025 ވަނަ އަހަރު ވަނީ ހުޅުވާލާފައެވެ. މިހާތަނަށް ޖުމްލަ 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގ ވަނީ އެޕްރޫވްކުރެވި، ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.

އެލްއެލްއެފްއާއި އައިއެސްޑީބީގެ އެހީތެރިކަމާއެކު ހިންގޭ މި ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން އުފެއްދޭ ކަރަންޓު ބޭނުންކުރުން އިތުރުކޮށް، މަސްވެރިކަން ކުރުމުގެ ތެރެއިން ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު މަދުކުރުމަށް ވެސް އިސްކަންދެވިފައިވެއެވެ. ތިންވަނަ ފިޔަވަހި ހުޅުވާލުމާއެކު، އިތުރު މަސްވެރިންނަށް މި ލުއިފަސޭހަ ފުރުސަތުގެ ބޭނުން ހިފުމަށް އެސްއެމްއީ ޕޯޓަލް (www.smedigital.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ މަގު ވަނީ ހުޅުވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން