ދުނިޔެ

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ދިން ހަމަލާއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ދިން ހަމަލާއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި

ޕާކިސްތާން ފުލުހުން މަގުތަކުގެ އަމަން ބަލަހައްޓަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ނޮވެމްބަރު 2025، 07:28

14 ނޮވެމްބަރު 2025، 07:28

ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިދިޔަ އަންގާރަ ދުވަހު ދިން ޖާނުން ފިދާވުމުގެ ހަމަލާއާ ގުޅިގެން، އެ ހަމަލާގައި ބައިވެރިވި ކަމަށް ބުނާ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ހުކުރު ދުވަހު އިއުލާންކޮށްފިއެވެ. މި ހަމަލާގައި 12 މީހުން މަރުވެފައިވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން އެކްސް ގައި ބުނެފައިވާ ގޮތުގައި، ހައްޔަރުކުރެވުނު 4 މީހުންނަކީ "ޓެރަރިސްޓް ސެލް" އެއްގެ މެންބަރުންނެވެ. އަދި މި ސެލްގެ ލީޑަރޝިޕް ހުރީ އަފްޣާނިސްތާނުގައި ކަމަށް ވެސް ބުނެފައިވެއެވެ. 

ޕާކިސްތާނު ސަރުކާރުން އިތުރަށް ބުނީ، "އިސްލާމްއާބާދުގައި ދިން ހަމަލާގައި ބައިވެރިވި ޕާކިސްތާނު ޠާލިބާނުގެ 4 މެންބަރުން ހައްޔަރުކުރެވިފައިވާ" ކަމަށާއި، "މި ސެލްއަށް ކޮންމެ ފިޔަވަޅެއްގައި ވެސް އިރުޝާދުތައް ލިބެމުން ދިޔައީ އަފްޣާނިސްތާނުގައި ހުރި އެމީހުންގެ ލީޑަރޝިޕްގެ ފަރާތުން" ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު އިސްލާމްއާބާދުގެ ކޯޓެއް ކައިރީގައި ދިން މި ހަމަލާގައި 12 މީހުން މަރުވެ، 27 މީހުން ޒަޚަމްވިއެވެ. މިއީ 3 އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ވެރިރަށަށް ދިން ފުރަތަމަ ހަމަލާއެވެ. މި ހަމަލާގެ ޒިންމާ ޕާކިސްތާނު ތާލިބާން (ޓީޓީޕީ) އިން ވަނީ ނަގާފައެވެ. ޓީޓީޕީން ވަނީ "ޤައުމުގައި އިސްލާމީ ޝަރީޢާ ނުހިންގާހާ ހިނދަކު" އިތުރު ހަމަލާތައް ދިނުމުގެ އިންޒާރު ވެސް ދީފައެވެ.

އަފްޣާނިސްތާނުގައި 2021 ވަނަ އަހަރު ޠާލިބާން އަނބުރާ ވެރިކަމަށް އައި ފަހުން، ޕާކިސްތާނުގައި ހަމަލާތައް ވަނީ އިތުރުވެފައެވެ. ޕާކިސްތާނުން ތުހުމަތުކުރަނީ އަފްޣާނިސްތާނުން ޕާކިސްތާނު ޠާލިބާނަށް އެހީތެރިވާ ކަމަށެވެ. އެހެންނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ ޕާކިސްތާނުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި "އިސްލާމިކް ސްޓޭޓް/ޚޮރާސާން ޕްރޮވިންސް" އާ ގުޅުންހުރި ޕާކިސްތާނުގެ މެންބަރުން ހައްޔަރުކޮށް ނުވަތަ މަރާލާފައިވާ ކަމަށް ވެސް އަފްޣާނިސްތާނުން ބުނެއެވެ. 

އަފްޣާނިސްތާނުގެ ޠާލިބާނުގެ ތަރުޖަމާނު، ޛަބީޙުﷲ މުޖާހިދު ވިދާޅުވީ، "އަފްޣާނިސްތާނުގެ ތެރޭގައި ޕާކިސްތާނުގެ ހަތިޔާރުއެޅި މީހުން ތިބުމަކީ އަފްޣާނިސްތާނުގެ ރައްޔިތުން ނުވަތަ އެ ޤައުމުގެ ސަރުކާރު ޒިންމާވާންޖެހޭ ކަމެއް ނޫން" ކަމަށެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ މީޑިއާ މިނިސްޓްރީން ވަނީ އެމީހުންގެ ތުހުމަތުތައް ތަކުރާރުކޮށްފައެވެ. އަދި "މަރާލެވުނު ޓެރަރިސްޓުންގެ އައިޑެންޓިޓީތަކުން އެނގެނީ އެމީހުން އަފްޣާނިސްތާނުގައި ހުރި ބޭސްތަކާ ގުޅުންހުރިކަން" ކަމަށް ބުނެފައިވެއެވެ. މިދިޔަ މަހު ބޯޑަރުގައި ހިންގި ހަމަލާތަކަށް ފަހު ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. ހަމަލާތައް ހުއްޓާނުލާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދެމުންދާއިރު، އަވަށްޓެރި ދެ ޤައުމުގެ މެދުގައި ހިނގަމުންދާ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން