ދުނިޔެ
އެމެރިކާގެ ކޮންގްރެސްގައި ޚިދުމަތްކުރި ފުރަތަމަ ދެ މުސްލިމް އަންހެނުން އަލުން އިންތިޚާބުވެއްޖެ
ރަޝީދާ ޓްލައިބް އަދި އިލްހާން އޯމަރު
ރަޝީދާ ޓްލައިބް އަދި އިލްހާން އޯމަރު އަކީ އެމެރިކާގެ ކޮންގްރެސްގައި ޚިދުމަތްކުރި ފުރަތަމަ ދެ މުސްލިމް އަންހެނުންނެވެ. މި ދެ ބޭކަނބަލުން ވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް އަލުން އިންތިޚާބުވެފައެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމުގައިވާ ރަޝީދާ ޓްލައިބަކީ އެމެރިކާގެ ކޮންގްރެސްގައި ޚިދުމަތްކުރި ފުރަތަމަ ފަލަސްތީނަށް ނިސްބަތްވާ އަންހެންކަނބަލެވެ. އޭނާ ވަނީ އަންގާރަ ދުވަހު މިޝިގަންގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެފައެވެ. މިކަމުގައި ޑިއަރބޯންގެ ބޮޑު ޢަރަބި-އެމެރިކަން މުޖުތަމަޢުގެ ތާއީދު ވަނީ ލިބިފައެވެ.
ކުރީގެ ރެފިއުޖީއެއް އަދި ސޯމާލީ އެމެރިކަން އެއްކަމުގައިވާ އިލްހާން އޯމަރު ވަނީ މިނެސޯޓާގެ 5 ވަނަ ޑިސްޓްރިކްޓުން ތިންވަނަ ދައުރަކަށް އިންތިޚާބުވެފައެވެ. މި ޑިސްޓްރިކްޓަކީ މިނިއަޕޮލިސް އަދި އެތައް ސަބަބް ތަކެއް ހިމެނޭ، ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ބޮޑަށް ތާއީދު ލިބޭ ސަރަހައްދެކެވެ.
ޣައްޒާގެ މައްޗަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލަށް ދޭ އަސްކަރީ އެހީތެރިކަމުގެ ފާޑުކިޔުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޓްލައިބް، އޭނާގެ ޕްރައިމަރީގައި ވާދަވެރިއެއް ނެތި ކުރިމަތިލައި، ޑިއަރބޯން އަދި ޑެޓްރޮއިޓްގެ ޑިމޮކްރެޓިކް ޑިސްޓްރިކްޓް ތަމްސީލުކުރުމަށް ރިޕަބްލިކަން ޖޭމްސް ހޫޕަރު ބަލިކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި އޯމަރު ވަނީ އޭނާގެ އިންތިޚާބީ ކެމްޕޭނުގައި ބުރަ މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ޓްލައިބް އަދި އޯމަރު އަކީ "ދަ ސްކޮޑް" ގެ ނަމުގައި މަޝްހޫރު، އެލެކްސެންޑްރާ އޮކޭޒިއޯ-ކޯޓެޒް ފަދަ ޕްރޮގްރެސިވް މެންބަރުން ހިމެނޭ ނުރަސްމީ ގްރޫޕެއްގެ މެންބަރުންނެވެ.
"ދަ ސްކޮޑް" ގެ އެހެން މެންބަރުންކަމުގައިވާ ނިއު ޔޯކްގެ ޖަމާލް ބޯމަން އަދި މިޒޫރީގެ ކޯރީ ބުޝް ވަނީ އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) ގެ ފަރާތުން ބޮޑު ތާއީދެއް ލިބިފައިވާ ވާދަވެރިންނާ ކުރިމަތިލައި އެ ދެ ބޭފުޅުންގެ ޕާޓީ ޕްރައިމަރީތަކުން ބަލިވެފައެވެ. އައިޕެކްއަކީ އިސްރާއީލަށް ތާއީދުކުރާ ފަންޑްރެއިޒިންގ ގްރޫޕެކެވެ.
މި ގްރޫޕުން ވަނީ ކޮންގްރެސްގައި ފަލަސްތީނަށް ތާއީދުކުރާ އަޑުތައް މަޑުކުރުމަށްޓަކައި މިއަހަރު އެމެރިކާގެ ސިޔާސީ ވާދަތަކުގައި 100 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ އިންވެސްޓްކޮށްފައެވެ.