ދުނިޔެ

އީރާނުން ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި، އެމެރިކާ ބުނަނީ "ހައިރާންކުރަނިވި ކަމެއް" ކަމަށް!

އީރާނުން ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި، އެމެރިކާ ބުނަނީ "ހައިރާންކުރަނިވި ކަމެއް" ކަމަށް!

އެމެރިކާއަށް ނިސްބަތްވާ ތެޔޮ ޓޭންކަރެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ނޮވެމްބަރު 2025، 12:08

15 ނޮވެމްބަރު 2025، 12:08

އީރާނުގެ ސަލާމަތީ ބާރުތަކުން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ހިފަހައްޓައި، އެ އުޅަނދުގެ މިސްރާބު އީރާނާ ދިމާލަށް ބަދަލުކޮށްލާފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ. 

މި ހާދިސާ ހިނގާފައިވަނީ، މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއާއި ޔަހޫދީން އީރާނަށް ވަރުގަދަ ޙަމަލާތައް ދިން ފަހުން، އެ ޤައުމުން ހިފަހައްޓާފައިވާ މި ފަދަ ފުރަތަމަ ތެޔޮ ޓޭންކަރެއްގެ ގޮތުގައެވެ. ޖޫން މަހުގެ ތެރޭގައި ހިނގި 12 ދުވަހުގެ ހަނގުރާމައަށް ފަހު، އީރާނުން އެ ސަރަޙައްދުގައި ހިންގާ އަސްކަރީ ޙަރަކާތްތައް ވަނީ މަދުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިފެހެއްޓިފައިވާ ޓޭންކަރަކީ، މާޝަލް އައިލެންޑްސްގެ ދިދައިގައި ދަތުރުކުރަމުން ދިޔަ "ތަލާރާ" ނަމަކަށް ކިޔާ އުޅަނދެކެވެ. މި ޓޭންކަރަކީ އެމެރިކާއާ ނުސީދާ ގޮތުން ގުޅުންހުރި އުޅަނދެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި، ސައިޕްރަސްގެ ކުންފުންޏެއް ކަމަށްވާ ޕަޝާ ފައިނޭންސްގެ މި އުޅަނދުން އުފުލަމުން ދިޔައީ ގިނަ ޢަދަދަކަށް ސަލްފަރ ހިމެނޭ ގޭސްތެލެވެ. "ތަލާރާ" ދަތުރުކުރަމުން ދިޔައީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އައްޝާރިޤާއިން ފުރައިގެން އިންޑިޔާ ކަނޑު ހުރަސްކޮށް ސިންގަޕޫރަށް ދިޔުމަށް ކަމަށް ވެއެވެ.

އެމެރިކާގެ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، އީރާނަކީ މީގެ ކުރިން ގަލްފު ކަނޑުގައި ދަތުރުކުރާ އުޅަނދުތައް ހިފަހައްޓަމުން ދިޔަ ޤައުމެއް ކަމުގައި ވިޔަސް، ފަހުގެ މަސްތަކުގައި މި ފަދަ ގޮތަކަށް އެ ޤައުމުން ޢަމަލުކޮށްފައި ނުވާތީ، ތަލާރާ ޓޭންކަރު ހިފެހެއްޓުމަކީ ހައިރާންކުރަނިވި ކަމެއް ކަމަށެވެ.

ތަލާރާގެ މެނޭޖަރު، ކޮލަމްބިޔާ ޝިޕް މެނޭޖްމަންޓުން ބުނީ އެ އުޅަނދާއެކު މުވާސަލާތީ ގުޅުން ކެނޑިފައި ވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ޔޫއޭއީގެ ގަޑިން 08:22ގައި ކަމަށެވެ. އެއީ ޔޫއޭއީގެ ޚޯރު ފައްކަންއާ 20 ނޯޓިކަލް މޭލު ބޭރުން، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރަމުން ދިޔަ ވަގުތު ކަމަށް އެ ކުންފުނިން ބުނެއެވެ. ކަމާބެހޭ އިދާރާތަކާ ގުޅިގެން އުޅަނދާއެކު އަލުން ގުޅުން ޤާއިމް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މި ހާދިޘާއާ ގުޅޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން