ކުޅިވަރު
ފަލަސްޠީނާއެކު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގެ ސްވެނިއަރ ޓިކެޓެއް އުއްޗު ބައްލަވައިގެންފި
ފަލަސްޠީނާއެކު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގެ ސްވެނިއަރ ޓިކެޓެއް ޗަންޕާ މުޙައްމަދު މޫސާ ބައްލަވައިގަތުން / ފޮޓޯ: އެފްއޭއެމް
ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގެ ޓިކެޓު، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ ބައްލަވައިގެންފިއެވެ. މުޙައްމަދު މޫސާ ބައްލަވައިގެންފައިވަނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެކެވެ.
މުހައްމަދު މުސާ އާއި މި ޓިކެޓް ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަޙްމަދު ޠާރިޤާއި، ފަލަސްޠީނު 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، މުޙައްމަދު ޖުމާ ސުލައިމާނެވެ.
ފަލަސްޠީނުގެ ޒުވާން ޓީމުން ރާއްޖޭގައި ކުރިޔަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން މިރޭ ކުޅެނީ ދެވަނަ މެޗެވެ. މި ދެ ޓީމު ވަނީ މި މަހުގެ 13ވަނަ ދުވަހު ވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗު 6-0އިން ކާމިޔާބުކުރީ ފަލަސްޠީނެވެ.
މި ދެ މެޗަށް ދެ އަގެއްގައި ސްވެނިއަރ ޓިކެޓު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1،000 ރުފިޔާއަށް އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެވެ. އަދި ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އެ އިދާރާގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކޮށްގެންވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
މީގެއިތުރުން ގަލޮޅު ދަނޑުގެ އޮލިމްޕަސް ކުރިމަތީ ޓިކެޓް ކައުންޓަރުން މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00އަށް، އަދި މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް ޓިކެޓު ވިއްކުން ކުރިޔަށްދާނެއެވެ.
މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ވަނީ ހާމަކޮށްފައެވެ.
މިރޭގެ މެޗު ވެސް ބަލަން ބޭނުންވާ ފަރާތްތަކަށް ދަނޑުގެ ގޮނޑިބަރި އާއި ސިޑިބަރިއަށް ހިލޭ ވަދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.
ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ވަނީ ދިވެހި ސަރުކާރުންނެވެ.
މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު އެ ޓީމު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.